ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން ވަނީ ހުސްވެފައިވާ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައެވެ. މި މަގާމަށް ކުރިމަތިލެވޭނީ މިވަގުތު އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީގެ ރޭންކްތަކުގައި ތިއްބެވި އޮފިސަރުންނަށެވެ.
އެ ވުޒާރާއިން ހާމަކުރި ގޮތުގައި، މި މަގާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ޖޫން 2 ވަނަ ދުވަހުގެ މެންދުރު 12:00 ކަމުގައި ވަނީ ކަނޑައަޅާފައެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުގެ ކަންތައް ކުރިއަށްދާނީ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށެވެ. އެގޮތުން، ޕޮލިސް ބޯޑުން އިންޓަވިއުކޮށް، ގާބިލުކަން ވަޒަންކުރުމަށްފަހު، އެ ވުޒާރާއަށް ނަންތައް ހުށަހެޅުމުން، ވަޒީރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވާ ގޮތަށް ހަމަޖެހިފައެވެ.
މި މަގާމުގައި އެންމެ ފަހުން ހުންނެވި އަލީ ޝުޖާޢު ވަނީ ފުލުހުންގެ ޚިދުމަތުން ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރައްވާފައެވެ. ޝުޖާޢު ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރެވުނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު 24 ވަނަ ދުވަހުއެވެ.

