މިހާރު ފެތުރެމުންދާ އަރިދަފުސް ރޯގާގެ ތެރެއިން އެންމެ ގިނައިން ރިޕޯޓް ކުރެވެމުންދަނީ އިންފްލުއެންޒާ އަދި ކޯވިޑް-19 ގެ ކޭސްތައްކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ 6 ވަނަ ދުވަހުން މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް އަރިދަފުސް ރޯގާ ޖެހިގެން 43,882 ކޭސް ރިޕޯޓްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރިޕޯޓްކުރެވުނު 36,047 ކޭސްއާ އަޅާބަލާއިރު ފާހަގަކުރެވޭ އިތުރުވުމެކެވެ.
އިންފްލުއެންޒާގެ ހާލަތަށް ބަލާއިރު، މި އަހަރުގެ މި މުއްދަތުގައި 254 ކޭސް ރިޕޯޓްކޮށްފައިވާއިރު، މިދިޔަ އަހަރު ރިޕޯޓްކޮށްފައިވަނީ އެންމެ 50 ކޭސްއެވެ. ކޯވިޑް-19 ގެ ހާލަތަށް ބަލާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި 38 ކޭސް ރިޕޯޓްކުރެވިފައިވާއިރު، މި އަހަރު ރިޕޯޓްކޮށްފައިވަނީ 37 ކޭސްއެވެ.
ޑެންގީ ހުމުގެ ހާލަތަށް ބަލާއިރު، މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު ރިޕޯޓްކުރެވިފައިވާ އަދަދު ދަށްވެފައިވެއެވެ. އެޗްޕީއޭއިން ވިދާޅުވި ގޮތުގައި "ވިއްސާރައާ ގުޅިގެން މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ."
އެޗްޕީއޭއިން އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރާ އަދަދު އިތުރުވެފައިވާއިރު، ކޯވިޑް-19 އާއި އިންފްލުއެންޒާ އެންމެ ގިނައިން ރިޕޯޓްކުރެވެނީ މާލެ ސަރަހައްދުންނެވެ. މި ހާލަތާ ގުޅިގެން ރޯގާތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް އާންމުންގެ ސަމާލުކަމަށް އެޗްޕީއޭއިން ގެނެސްފައިވެއެވެ.

