ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ދަތުރުކުރެއްވި ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓެއްގައި ބޮމު އިންޒާރެއް ލިޔެފައި ހުރިކަން ފާހަގަކުރެވުމާ ގުޅިގެން އިމަޖެންސީކޮށް އެ ފްލައިޓު ހޮނޮލުލޫގައި ޖައްސައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަންގާރަ ދުވަހު، ހަވާއީގެ ހޮނޮލުލޫ އިން ލޮސް އެންޖަލިސް އަށް ދަތުރުކުރި ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓު 1169 ގައެވެ. ބޯޓުގައި ބޮމެއް ހުރި ކަމުގެ އިންޒާރު ލިޔެފައި ހުރީ ފާހާނާގެ ލޯގަނޑުގައެވެ. މި އިންޒާރު ފެނުމާ ގުޅިގެން ވަގުތުން ބޯޓުގެ ދަތުރު ބަދަލުކޮށް، އަނބުރާ ވަނީ ހޮނޮލުލޫއަށް ޖައްސާފައެވެ.
ޔުނައިޓެޑް އެއާލައިންސްއިން ހާމަކުރި ގޮތުގައި، މި ފްލައިޓުގައި ދަތުރުކުރީ 339 ފަސިންޖަރުންނާއި 10 ކްރޫ މެންބަރުންނެވެ. އެ ބޯޓަކީ ބޮއިން 777 މަރުކާގެ މަތިންދާ ބޯޓެކެވެ. މި ހާދިސާއާ ގުޅިގެން އެފްބީއައި އިން ދަނީ ތަހުގީގު ކުރަމުންނެވެ.
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ހަވާއީއަށް ވަޑައިގެންފައިވަނީ ބްލޫ ޕްލެނެޓް އެލަޔަންސްގެ ދައުވަތަކަށެވެ. ފްލައިޓު އިމަޖެންސީކޮށް ޖެއްސުމަށްފަހު، ނައިބު ރައީސް އެހެން ފްލައިޓެއްގައި ދަތުރު ކުރިއަށް ގެންދެވި ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

