ޑިފެންސް މިނިސްޓްރީއަށް ބޭނުންވާ މުޅިން އައު، ކޮލިޓީ ރަނގަޅު ދެ ޖެޓްސްކީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އެ މިނިސްޓްރީން އިޢުލާންކޮށްފިއެވެ.
މިނިސްޓްރީން މިއަދު ގެޒެޓުކުރި އިޢުލާނާ ގުޅިގެން، މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޖޫން 4 ވާ އާދީއްތަ ދުވަހުގެ މެންދުރު 1:00 ގައި ޑިފެންސް މިނިސްޓްރީއަށް ގޮސް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ދީފައެވެ. މި މަސައްކަތާ ގުޅޭ މަޢުލޫމާތު ޝީޓް ވަނީ ގެޒެޓުގައި އިޢުލާނާއެކު ޝާއިޢުކޮށްފައެވެ.
މިނިސްޓްރީން މަޢުލޫމާތު ދީފައިވާ ގޮތުގައި، މަޢުލޫމާތު ޝީޓަށް އެއްވެސް ބަދަލެއް ގެންނަ ނަމަ، އެ ބަދަލެއް ހިމެނޭ މަޢުލޫމާތު ޝީޓް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވޭނެއެވެ. އަދި މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކަށް tender@defence.gov.mv އަށް އީމެއިލް ކުރެވޭނެ ކަމަށާއި، ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރު 13:00 އާ ދެމެދު 3327881 ނަންބަރަށް ގުޅައިގެންވެސް މަޢުލޫމާތު ސާފުކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މީގެ އިތުރުން، ޑިފެންސް މިނިސްޓްރީން މިއަދު ވަނީ އެހެން ގިނަ އަދަދެއްގެ ތަކެތި ހޯދުމަށްވެސް އިޢުލާންކޮށްފައެވެ. މީގެ ތެރޭގައި
- އިންޓަރެކްޓިވް ސްމާޓް ބޯޑަކާއި
- ސައުންޑް ސިސްޓަމެއް،
- 10 ސައިކަލު،
- ޓީވީ ތަކެއް،
- 25 ލެޕްޓޮޕް،
- ކަނޑު އުޅަނދުތަކެއްގައި ހަރުކުރުމަށް ރާޑަރު ސިސްޓަމްތަކަކާއި
- އެކްސަސަރީސް އަދި ލައިފްޖެކެޓު ހިމެނެއެވެ.

