މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މީގެކުރިން ސައުދީ އަރަބިއްޔާގެ ޖިއްދާ އެއަރޕޯޓުގެ ޓަރމިނަލުގައި ދިވެހި ހައްޖާޖީން ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހުނު ނަމަވެސް، މިފަހަރު ހޭދަކުރަން ޖެހުނީ އެންމެ 3 މިނެޓެވެ.
މިފަދަ ބޮޑު ފަސޭހައެއް ލިބިގެން ދިޔައީ ސަރުކާރުން ހަމަޖައްސައިދެއްވި މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ހައްޖަށް ދިއުމުގެ ސަބަބުންނެވެ. މައްކާ ރޫޓް އިނިޝިއޭޓިވްއަކީ 2018 އިން ފެށިގެން ސަޢުދީ ސަރުކާރުން ތަންފީޒު ކުރަމުންދާ، ސަޢުދީ ވިޝަން 2030 ގައި ހިމެނޭ އިނިޝިއޭޓިވްއެކެވެ.
މި އިނިޝިއޭޓިވްގެ ދަށުން، ހައްޖާޖީންގެ އިމިގްރޭޝަން ކަންކަން އެ ހައްޖާޖީއަކު ހުރި ޤައުމަކުން ހަމަޖެހި، އެއަރޕޯޓުގައި ގިނަ ވަގުތު ހޭދަ ނުކޮށް ހޮޓަލަށް ދެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވެއެވެ. އަދި އެއަރޕޯޓުން ލަގެޖް ނަގަން ނުޖެހި ސީދާ ހޮޓަލުން ލަގެޖް ލިބޭނެ އިންތިޒާމުވެސް ވަނީ ހަމަޖެހިފައެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވަނީ، މިއީ ދިވެހި ރައްޔިތުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ފަސޭހައެއް ކަމަށާއި، މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ރާއްޖެއިން ހައްޖަށްދާ މީހުން ދާނީ މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން ކަމަށެވެ.
މި އިނިޝިއޭޓިވްގައި ޤައުމުތައް ހިމެނެނީ މަދުވެގެން 20،000 ހައްޖުވެރިން އެ ޤައުމަކުން ދާނަމައެވެ. ނަމަވެސް ދިވެހިރާއްޖެއަށް ސައުދީ ސަރުކާރުން މިކަމުގެ އިސްތިސްނާ ދެއްވައި، މިކަމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސަވާފައެވެ. ވަޒީރު ޝަހީމް ވިދާޅުވެފައިވަނީ މިއީ ސައުދީ ސަރުކާރުން ދިވެހި ރައްޔިތުންނަށް ދެއްވި ހަދިޔާއެއް ކަމަށެވެ.

