ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި، އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ސުޕްރީމް ކޯޓުގެ ބެންޗުގައި މިވަގުތު ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލައްވާފައިވަނީ 12 ބޭފުޅެކެވެ. މި މަގާމުތަކަށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތިން މާކްސް ލިބިވަޑައިގެންފައިވަނީ ސަލީމާއި ހަމީދަށެވެ.
ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމަކީ ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ބެޗްލާރސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހައިކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ސަލީމް ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރައްވާފައިވަނީ 2022 ވަނަ އަހަރުގެ އޮގަސްޓް 9 ވަނަ ދުވަހުއެވެ.
ސުޕްރީމް ކޯޓުގެ ބެންޗުން މި ދެ މަގާމު ހުސްވެފައިވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ.
މި ދެ ބޭފުޅުންގެ ނަން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމަށް ޖޭއެސްސީން ނިންމާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމެއް އަދި އިއުލާނު ކުރައްވާފައެއް ނުވެއެވެ.

