2030 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ޖީޑީޕީގެ 15 އިންސައްތައަކީ ކްރިއޭޓިވް އިކޮނޮމީގެ ފައިދާ ކަމަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒެއް ކަމަށް އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ އުފެއްދުންތެރިކަމުގެ މައުރަޒާ ގުޅޭގޮތުން އެމްއެމްޓީވީއަށް ދެއްވި ޚާއްޞަ ޙަދީޘެއްގައި ވަޒީރު ފާހަގަކުރެއްވި ގޮތުގައި މި މައުރަޒުގައި ކްރިއޭޓިވް އިކޮނޮމީގެ ސްޓޯލްތައް ވަނީ ފުޅާ ދާއިރާއެއްގައި ޝޯކޭސް ކުރެވިފައެވެ. އަދި މިއީ ސަރުކާރުގެ އަމާޒުތައް ހާސިލުކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
“އަޅުގަނޑުމެން މިހާރު މިތިބި ޑިސްޓްރިކްޓް ނުވަތަ އޭރިއާއަކީ، ހޯލްއަކީ ރާއްޖޭގެ ކްރިއޭޓިވް އިކޮނޮމީގަ ހަރަކާތްތެރިވާ ވިޔަފާރިތައް ވަރަށް ފުޅާ ދާއިރާއެއްގަ މިތާގަ ޝޯކޭސް ކުރެވިފަހުރި ހޯލެއް،” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ހާމަކުރެއްވި ގޮތުގައި ރައީސް ޑރ. މުޢިއްޒު ވަނީ މައުރަޒުގައި ދެ ރޭ މަތިން ގާތްގަނޑަކަށް ހަގަޑިއިރާއި ބައި ހޭދަކުރައްވައި، ހުރިހާ އެގްޒިބިޓަރުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ. އަދި 2024 ވަނަ އަހަރަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ އަހަރަށް ހެއްދެވުމަށް ރައީސް ބޭނުންފުޅުވާކަމަށާއި، އެކަމަށް ބޭނުންވާ ކޮންސެޕްޓު އެކުލަވާލައި، ކަރުދާހެއް ތައްޔާރުކުރުމަށް ވުޒާރާއަށް އިރުޝާދު ދެއްވާފައިވާ ކަމަށްވެސް ވަޒީރު ހާމަކުރެއްވިއެވެ.
މީގެއިތުރުން، ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގައި ވިޔަފާރިއާ ގުޅޭ މަޝްވަރާތައް ކުރިން ނުދާވަރަށް ކުރިއަށްދާކަން ފާހަގަކުރައްވައި، ވަކިން ޚާއްޞަކޮށް ކްރިއޭޓިވް އިކޮނޮމީގައި ހަރަކާތްތެރިވާ ފަރާތްތަކާއި ކުދި ވިޔަފާރިތައް ތަމްސީލުކުރާ ބިޒްނަސް ކައުންސިލުގައި ހުއްޓުމެއް ނެތި މަޝްވަރާތައް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

