ތ. އަތޮޅުގައި ދަތުރުކުރަމުންދިޔަ “ހޮޅުދޫ ބޯޓު” ގައި މިދިޔަ މަހުގެ ދެވަނަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުނު އަލީ މުޝްފިޤު ޝަރީފުގެ މަރު ސާބިތުކުރުމަށް އާއިލާގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ ލ. މާވަށު މެޖިސްޓްރޭޓް ކޯޓުން ވަނީ ބޭރުކޮށްލައިފައެވެ.
މުޝްފިޤު ގެއްލިފައިވަނީ މާލެއަށް ދަތުރުކުރަމުންދިޔަ “ހޮޅުދޫ ބޯޓު” ގައި ހިނގި އަލިފާނުގެ ހާދިސާގައެވެ. މި ހާދިސާގައި ބޯޓު އަޑިއަށް ގޮސްފައިވާއިރު، ބޯޓުން ދަތުރުކުރި ފަސިންޖަރުންގެ ތެރެއިން މިހާތަނަށް ނުފެނި ވަނީ ހަމައެކަނި މުޝްފިޤެވެ.
އެމްއެންޑީއެފްއިން މުޝްފިޤު ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، އޭނާގެ އާއިލާއިން ވަނީ ކަށުނަމާދު ކުރުމަށް ނިންމާފައެވެ. ނަމަވެސް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދުގެ ލަފަޔާއެކު އެކަން ވަނީ މަޑުޖައްސާލާފައެވެ. އޭގެ ފަހުން އާއިލާއިން ވަނީ މުޝްފިޤުގެ މަރު ސާބިތުކުރުމަށް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.
މާވަށު މެޖިސްޓްރޭޓް ކޯޓުން މައްސަލަ ބޭރުކޮށްލި ސަބަބުގެ ގޮތުގައި ފާހަގަކޮށްފައިވަނީ، މުޝްފިޤު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ދަނީ ކުރަމުން ކަމަށް އެ އިދާރާއިން ކޯޓަށް އަންގާފައިވާތީ، މި ވަގުތު އޭނާއަކީ މަރުވެފައިވާ މީހެއްކަމަށް ކަނޑައެޅުމަކީ އެންމެ މަސްލަހަތު ހުރި ގޮތްކަމަށް ނުފެންނާތީއެވެ.
މި މައްސަލަ މާވަށު މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވަނީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. އަދި އިއްޔެ ވަނީ މައްސަލަ ބޭރުކޮށްލާފައެވެ.

