ހުޅުމާލޭގައި ސޯޝަލް ހައުސިން ޔުނިޓުތަކުގެ ގޮތުގައި ދޫކޮށްފައިވާ ހައުސިން ޔުނިޓަކުގެ ކުލީގެ ތެރެއިން، އެއް ފްލެޓަކުން މިހާތަނަށް ނުލިބި އޮތް އެންމެ ބޮޑު އަދަދަކީ އެއް މިލިއަން ރުފިޔާކަމަށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.
އެޗްޑީސީން ބުނީ އެއީ އެ ފްލެޓާ ހަވާލުވީ ފަހުން، މި އަހަރުގެ 28 ފެބްރުއަރީއާ ހަމައަށް ނުދައްކާ އޮތް އަދަދު ކަމަށެވެ.
ހުޅުމާލެ ފުރަތަމަ ފިޔަަވަހީގެ ހުރިހާ ސޯޝަލް ހައުސިން ޔުނިޓުތަކަކާއި، އަދި ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުގެ ހައުސިން ޔުނިޓުތައް ހިމެނޭހެން، އެޗްޑީސީން ކުލި ނަގައި، ބަލަހައްޓާ ޔުނިޓުތަކުގެ ޖުމްލަ އަދަދަކީ 8،511 އެވެ. ނަމަވެސް ސޯޝަލް ހައުސިން ޔުނިޓުތަކުގެ ޖުމްލަ އަދަދަކީ 3،219 ޔުނިޓު ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
ކުލި ނުދައްކާނަމަ ފްލެޓު އަތުލާނެކަމަށް ފްލެޓު އެއްބަސްވުންތަކުގައި އޮންނަ ނަމަވެސް، އެއްވެސް ފްލެޓެއް މިހާތަނަށް އަތުލައިފައި ނުވެއެވެ.
އެޗްޑީސީއިން ތަރައްގީކުރާ ހުޅުމާލެއަކީ މާލެ ސަރަހައްދުގެ ބޯހިޔާ ވަހިކަމުގެ މައްސަަލަ ހައްލުކުރަން ސޯޝަލް ހައުސިންގެ ބޮޑެތި މަޝްރޫއުތައް ހިންގައިފައިވާ ތަނެކެވެ.

