އަޟްޙާ ޢީދާ ގުޅިގެން ސަރުކާރު ބަންދުވާނީ މިހާރުވެސް ކަލަންޑަރުގައި ބަންދު ކަމަށް ކަނޑައަޅާފައިވާ ދުވަސްތައް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.
ހީނާ ވަލީދު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަހަރުގެ ޙައްޖު ދުވަސް ދިމާވަނީ 5 ޖޫން ވާ ބުރާސްފަތި ދުވަހަށް ކަމަށް ސަޢޫދީ ޢަރަބިއްޔާއިން ކަނޑައަޅުއްވާފައިވާ ކަމަށާއި، ޙައްޖު ދުވަހާއި އަޟްޙާ ޢީދާ ގުޅިގެން ބަންދުވާނީ، މިހާރުވެސް ކަލަންޑަރުގައި ބަންދު ކަމަށް ކަނޑައަޅާފައިވާ ދުވަސްތައް ކަމަށެވެ.
ސަރުކާރުގެ ރަސްމީ ކަލަންޑަރުގައިވާ ގޮތުން އަޟްޙާ ޢީދު ބަންދު ދުވަސްތަކަކީ 9 ޖޫން ވާ ހޯމަ ދުވަހުގެ ނިޔަލަށެވެ.
އެހެންކަމުން އެ ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން ސަރުކާރުގެ އޮފީސްތައް އާންމު ގޮތަށް ހުޅުވި، މަސައްކަތްތައް ކުރިއަށް ގެންދާނެއެވެ.

