ދިވެހިރާއްޖޭގައި ފޯރުކޮއްދޭ މަތީ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމާއި، ޒުވާނުންގެ ހުނަރުތައް ތަރައްޤީކުރުމަށް ސިންގަޕޫރުގެ ފަރާތުން އެއްބާރުލުން ފޯރުކޮއްދިނުމާއި ގުޅޭގޮތުން ދިވެހިރާއްޖެއަށް ކަނޑައެޅިފައިވާ ސިންގަޕޫރުގެ ހައި ކޮމިޝަނަރު، ހިޒް އެކްސެލެންސީ، ސޫ ކޮކް ލެންގ އާއި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު މަޝްވަރާ ކުރައްވައިފިއެވެ.
މި ބައްދަލުވުން އޮތީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގައެވެ.
މި ބައްދަލުވުމުގައި، ދެ ޤަޢުމުން ގުޅިގެން މަތީ ތަޢުލީމާއި ތަމްރީނުގެ ދާއިރާ ކުރިއެރުވުމަށް ކުރެވެން ހުރި މަސައްކަތްތަކުގެ މައްޗަށް ވަނީ އަލިއަޅުވައިލެވިފައެވެ. އެގޮތުން، ދިވެހިރާއްޖޭގައި ފޯރުކޮއްދޭ މަތީ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމާއި، ޒުވާނުންގެ ހުނަރުތައް ތަރައްޤީކުރުމަށް ސިންގަޕޫރުގެ ފަރާތުން އެއްބާރުލުން ފޯރުކޮއްދިނުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.
މަތީ ތަޢުލީމުގެ ފުރުޞަތުތައް ފުޅާކުރުމާއެކު ދިވެހި ދަރިވަރުންގެ ކާމިޔާބީ އިތުރުކުރުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ. މި ސިޔާސަތައް ޢަމަލުކުރުމުގެ މަޤްސަދުގައި، ބޭރު ޤައުމުތަކުގެ އިސްބޭފުޅުންނާއިއެކު ބޭއްވޭ މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ދަރިވަރުންނަށް ބޭރުގެ މަޤްބޫލް ޔުނިވާސިޓީތަކާއި އިންސްޓިޓިއުޓްތަކުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމުގެ ފުރުޞަތުތައް ފަހިވެގެންދާނެއެވެ.

