މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީގައި ފަތާ ސަރަހައްދެއް ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ އެރަށު ކައުންސިލުން ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އަގަކީ 4.63 މިލިއަން ރުފިޔާ ކަމަށްވާއިރު، 150 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ ދަށުން އޭދަފުށީގެ ދެކުނު ފަރާތުގައި މޫދަށް އެރުމަށް ޚާއްޞަ ސަރަހައްދެއް ތަރައްޤީކުރެވޭނެއެވެ. މީގެ ތެރޭގައި 15,914 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، 160 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖެހުމުގެ އިތުރުން، 60 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށި އަދި 70 މީޓަރުގެ ގްރޮއިން ޖެހުން ހިމެނެއެވެ.
މަޝްރޫޢު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ ކަމަށްވާއިރު، ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް މުޙައްމަދު ފާތިޙްއެވެ. މި ރަސްމިއްޔާތުގައި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އޭދަފުށީ ކައުންސިލުގެ ރައީސް މުޙައްމަދު ފާތިޙް ވިދާޅުވި ގޮތުގައި، "3500 އަށްވުރެ ގިނަ މީހުން ދިރިއުޅޭ އޭދަފުށީގައި މޫދަށް އެރެން ވަކި ސަރަހައްދެއް ކަނޑައެޅިފައި ނުވުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެއް" އެވެ. މިހާރު ރައްޔިތުން މޫދަށް އެރެން ބޭނުންކުރަނީ ރަށުގެ އުތުރުފަރާތު ޕާކު ކުރިމަތީގައި ހުންނަ ސަރަހައްދެވެ.
އެމްޓީސީސީން ފާހަގަކުރި ގޮތުގައި މި މަޝްރޫޢު ނިމުމުން އޭދަފުށީގެ ކުޑަބޮޑު އެންމެންނަށް އިޖުތިމާޢީ ގޮތުން ގިނަ ފައިދާތަކެއް ކުރާނެއެވެ. ބ. އަތޮޅުގެ ވެރިކަން ކުރާ ރަށް ކަމަށްވާ އޭދަފުށީގެ ބިމުގެ ބޮޑުމިނަކީ 57 ހެކްޓަރެވެ.

