ތ. ކަނޑޫދޫ ސްކޫލުގެ 11 އަހަރުގެ ދަރިވަރެއްގެ އިނގިލި އަނބުރައި ހުޅުން ނައްޓައިލި ކަމަށް ތުހުމަތުކުރެވޭ އިންޑިއާ ޓީޗަރެއް އިއްޔެ ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި އެ ޓީޗަރު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހޯމަ ދުވަހުގެ އިންޓަވަލް ގަޑީގައެވެ. ކުއްޖާގެ ބައްޕަ ކިޔައިދިން ގޮތުގައި، ކުއްޖާ ގެންގުޅުނު ފެންފުޅިން އެ ޓީޗަރުގެ ގައިގައި ޖެހުމާ ގުޅިގެން، އެ ޓީޗަރު އައިސް ކުއްޖާގެ އިނގިލީގައި ހިފައި ބާރަށް އަނބުރައިލުމުން އިނގިލި ހުޅުން ނެއްޓުނީއެވެ. އެ ވަގުތު ޓީޗަރު އިނގިލީގެ ހުޅު އަޅުވައިދިން ނަމަވެސް، އޭގެ ފަހުން އެކަމާމެދު އަޅައިލާފައި ނުވާ ކަމަށް ކުއްޖާގެ ބައްޕަ ބުނެފައިވެއެވެ.

އަނިޔާވި ކުއްޖާގެ ބޭސް ސިޓީ —
ސްކޫލުގެ ކަމާބެހޭ އެއްވެސް ފަރާތަކަށް ވެސް އެ ވާހަކަ ނާންގާ ކަމަށް ކުއްޖާގެ ބައްޕަ ތުހުމަތު ކުރެއެވެ. ސަބަބަކީ، ސުކޫލެއްގެ ޓީޗަރަކު ދަރިވަރަކަށް އަނިޔާކުރުމުން، އެވާހަކަ ސުކޫލުމެނޭޖުމަންޓުން އަންގާފަ ނުވާތީއެވެ. އަދި އެކުއްޖާގެ އިނގިއްޔަށް ތަދުވެގެން ރޯތީވެ، އެކަން ކުއްޖާގެ ބައްޕައަށް އަންގާފައިވަނީ ކްލާސް ޓީޗަރު ކަމަށްވާތީއެވެ. އެއަށްފަހު ވަގުތުން ކުއްޖާ ގެންގޮސްފައިވަނީ ރަށު ސިއްހީ މަރުކަޒަށެވެ. އަދި އިތުރު ފަރުވާއަށްޓަކައި އެ ދުވަހު މެންދުރުފަހު ތ. ވޭމަންޑޫއަށް ގެންގޮސްފައިވެއެވެ.
ކަނޑޫދޫ ކައުންސިލްގެ ރައީސް އަހުމަދު ރީހާން މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާ ހިނގުމާ ގުޅިގެން އެ ޓީޗަރު އެ ދުވަހު އެ އަތޮޅު އޮމަދޫއަށް ދިޔަ ނަމަވެސް، ފުލުހުން އޭނާ ވަނީ ތ. ވޭމަންޑޫއަށް ގެނެސްފައެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މި މައްސަލަ ރިޕޯޓުކޮށްފައިވަނީ އެ ދުވަހުގެ ހެނދުނު 10:55 ހާއިރުއެވެ. މި މައްސަލައާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން އެއްވެސް ބަހެއް މިހާތަނަށް ދީފައެއް ނުވެއެވެ.

