މިހާތަނަށް ރާއްޖެއިން 489 ދިވެހި ހައްޖުވެރިން މައްކާއަށް ވާސިލްވެފައިވާ ކަމަށާއި އެ ހުރިހާ އެންމެންގެ ހާލު ރަނގަޅު ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
"ރާއްޖޭގެ ހައްޖުމިޝަނުން ދަނީ ހައްޖުވެރިންގެ ހާލު ވަރަށް ގާތުން ބަލަމުން. ހައްޖު ކޯޕަރޭޝަނުންވަނީ ފުރިހަމަ އިންތިޒާމުތަކެއް ކޮށްފަ،" ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި އަހަރުގެ ހައްޖު މޫސުމަށް ދިވެހި ހައްޖުވެރިން ފުރަން ފެށީ މި މަހުގެ 26 ވަނަ ދުވަހުއެވެ. މިގޮތުން ފުރަތަމަ ގްރޫޕް ސައުދީ އަރަބިއްޔާއަށް ފުރާފައިވަނީ އެ ދުވަހުގެ ހަވީރުއެވެ. އަދި ދެވަނަ ގްރޫޕް، ގައުމީ އެއާލައިން މޯލްޑިވިއަންގެ މަތިންދާ ބޯޓެއްގައި އިއްޔެ ހެނދުނު ވަނީ ފުރައިފައެވެ.
މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން ލިބޭ ފަސޭހަތައް
މި އަހަރުގެ ހައްޖު މޫސުމުގައި "މައްކާ ރޫޓް އިނިޝިއޭޓިވް" ގެ ދަށުން ހައްޖުވެރިންނަށް ވަރަށް ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. މި އިނީޝިއޭޓިވްގެ ދަށުން ހައްޖުވެރިންނަށް އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ އެންމެހައި ކަންކަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތިބެ ނިންމާލެވޭނެއެވެ. މީގެ ސަބަބުން ޖިއްދާ އެއާޕޯޓުގައި ހައްޖުވެރިން ހޭދަކުރާ ވަގުތު ވަރަށް ބޮޑުތަނުން ކުރުވެގެންދާނެއެވެ.
މި އަހަރު ރާއްޖެއިން ޖުމްލަ 1,000 ހައްޖުވެރިން ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދާނެއެވެ. އަދި މި އަހަރުގެ ހައްޖު ދުވަހަކީ އަންނަ މަހުގެ 5 ވަނަ ދުވަސް ކަމުގައި ވެއެވެ.

