ގާނޫނީ ވަކީލުންގެ ސުލޫކީ ގަވާއިދާ ހިލާފުވުމާ ގުޅިގެން ދެ ވަކީލެއްގެ ވަކީލުކަމުގެ ހުއްދަ ހިފެހެއްޓުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުން ނިންމައިފިއެވެ.
ބާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، 2021 ވަނަ އަހަރު އެއްބަސްވުމެއް ނޯޓަރައިޒްކޮށްދިނުމުގައި ވަކީލު މެހެނާޒް ހުސައިނަށް ބާ ކައުންސިލުން ދޫކޮށްފައިވާ ޕަބްލިކް ނޯޓަރީ ސިއްކަ ބޭނުންކޮށް، ވަކީލު ޒުންނަވާރު ސަލީމް އެ ސިއްކައިގައި މެހެނާޒްގެ ސޮއިކޮށް އެއްބަސްވުން ނޯޓަރައިޒްކޮށްފައިވާ ކަމަށް ބަޔާންކޮށް ހުށަހެޅުނު ސުލޫކީ ޝަކުވާއަކާ ގުޅިގެން މި ފިޔަވަޅު އަޅާފައިވަނީއެވެ.
މި މައްސަލައިގައި ދެ ވަކީލުން ހިންގާފައިވާ އަމަލަކީ ޕަބްލިކް ނޯޓަރީގެ ޚިދުމަތުގެ ސައްޙަކަމާމެދު އާންމުންގެ މެދުގައި ސުވާލު އުފެދޭނެފަދަ އަމަލުތަކެއް ކަމަށް ބާ ކައުންސިލުން ފާހަގަކޮށްފައިވެއެވެ. އަދި މި އަމަލުތަކުގެ ސަބަބުން އާންމު މުޖުތަމައުގައި ގާނޫނީ ވަކީލުންނާއި ގާނޫނީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާމެދު އިތުބާރު ގެއްލިދާނެ ކަމަށްވެސް ބާ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
މައްސަލަ ބެލި ޕެނަލުން ނިންމާފައިވަނީ މިއީ ގާނޫނީ ވަކީލެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭފަދަ އަދި ގާނޫނާ ހިލާފު އަމަލުތަކެއް ކަމަށެވެ. މިކަމާ ގުޅިގެން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ވަނީ މެހެނާޒް ހުސައިންގެ ވަކީލުކަމުގެ ހުއްދަ 12 މަސްދުވަހަށް އަދި އަލްއުސްތާޛު ޒުންނަވާރު ސަލީމްގެ ވަކީލުކަމުގެ ހުއްދަ 15 މަސްދުވަހުގެ މުއްދަތަށް ހިފެހެއްޓުމަށް ނިންމާފައެވެ.
ބާ ކައުންސިލުން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މި މުއްދަތުގެ ތެރޭގައި މި ދެ ވަކީލުން ވަކީލެއްގެ ހައިސިއްޔަތުން ގާނޫނީ މަސައްކަތްކޮށް، ގާނޫނީ ޚިދުމަތް ދިނުމަކީ މަނާ ކަމެކެވެ.

