ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާއެކު އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ވާނުވާ ބަންދުގައި ތިބި މީހުންގެ ބަންދަށް ލުއި ދިނުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކަށް ޙައްލެއް ހޯދުމަށްޓަކައި ދައުލަތުގެ އިދާރާތަކުން ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިއަދު މި މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މި މަސައްކަތުގެ ތެރެއިން ޒަމާންވީ މި މައްސަލައަށް ޙައްލުތަކެއް ލިބި، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ބަންދަށް ލުއިތަކެއް ދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން މި މަހުގެ 21 ވަނަ ދުވަހު ހާމަކުރެއްވި ގޮތުގައި، ބަންދަށް ލުއި ދެވިދާނެ މީހުން ކަނޑައެޅުމުގެ ކުރިން މުޖުތަމަޢުގެ ސަލާމަތަށް އޮތް ނުރައްކާ ދެނެގަތުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް މެދުވެރިކޮށް ޚާއްސަ އެސެސްމެންޓެއް ތައްޔާރުކުރެވޭނެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ވާނުވާ މައްސަލަ ހައްލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެއް ކަމާއި، އެކި މައްސަލަތަކުގެ ތަޙުޤީޤަށް ހައްޔަރުކޮށް، "ވާނުވާ ބަންދު"ގައި ތިބި މީހުންގެ ތެރެއިން މަދުވެގެން 3 ބައިކުޅަ 1 ބައި މީހުންނަކީ ޓެގް އަޅުވާފައި ދޫކޮށްލެވިދާނެ ބައެއްތޯ ބެލުމަށް، ގުޅުންހުރި އިދާރާތަކާ ހަވާލުކުރައްވާފައިވެއެވެ.
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ "ވާނުވާ ބަންދު"ގައި މީހުން ބޭތިއްބުމުގެ މައްސަލައަށް އޮތް ދާއިމީ އެންމެ ރަނގަޅު ޙައްލަކީ، މައްސަލަ ބަލައި ނިންމުން އަވަސްކުރުން ކަމަށާއި، އެކަމަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދެއްވާނެ ކަމަށެވެ.

