މާލޭގެ ގެޔަކަށް ހުއްދަނެތި ވަދެ، ވައްކަން ކުރަން އުޅުނު ކަމުގެ ތުހުމަތުގައި 34 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ އެ މީހާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން، އެ މީހާ ހުއްދަނެތި ގެއަކަށްވަދެ ކަރަންޓު ބޯޑަކުން ކޭބަލްތަކެއް ވަގަށްނަގަން އުޅުނު ކަމަށް ބެލެވެއެވެ. އަދި ގޭގެ މީހުން އޭނާ ހުއްޓުވުމުން، އެ ތަނަށް ވަދެފައިވަނީ މަސްތުވާތަކެތި ބޭނުންކުރުމަށް ކަމަށް އޭނާ އަމިއްލައަށް ބުނެފައިވާ ކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
ނަމަވެސް، ފުލުހުން ސީނަށް ދިޔުމުން އޭނާ ހަނުހުރުމުގެ ހައްގު ބޭނުންކޮށްފައިވާ ކަމަށާއި، އޭނާގެ އަތުން އެއްވެސް މަސްތުވާއެއްޗެއް ފެނިފައިނުވާ ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ. އަދި ޝަރީއަތުގެ މަޖިލީހުގައި އޭނާ ބުނެފައިވަނީ އެތަނަށް ވަދެފައިވަނީ ބޮލަށް އެނބުރުން އަރައިގެން ކަމަށެވެ.
އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައެވެ. އަދި މި މައްސަލައިގައި ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައިވާކަން ކޯޓުން ފާހަގަކޮށްފައިވެއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މާލެ ސަރަހައްދުގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ. މިގޮތުން މިދިޔަ އަހަރު 3،762 ވައްކަމުގެ މައްސަލަ ރިޕޯޓުކޮށްފައިވާއިރު، މި އަހަރުގެ މިހާތަނަށް 1،212 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ. މިއީ އެންމެ ގިނައިން ރިޕޯޓުކުރެވޭ ބާވަތުގެ މައްސަލަތަކެވެ.

