މާލެ ސިޓީ ކައުންސިލްގެ ހަފްލާތަކުގައި ދުފުމަށް ބޭނުންކުރާ އެއްވެސް ބާވަތެއް ބޭނުން ނުކުރުމަށް އެ ކައުންސިލުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ހުށަހެޅުމަކާ ގުޅިގެން، މިއަދު ބޭއްވުނު ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 196 ވަނަ އާންމު ޖަލްސާގައި ކުރެވުނު މަޝްވަރާތަކަށް ފަހުގައެވެ.
މި ކަމާ ގުޅޭގޮތުން މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވަނީ، “މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދާ އެއްވެސް ހަފުލާއެއްގައި ދުފުމަށް ބޭނުންކުރާ އެއްވެސް ބާވަތެއް ބޭނުން ނުކުރާނެ” ކަމަށެވެ.
މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހިމް އަބޫބަކުރު ވަނީ އިންސާނުންގެ ސިއްހަތަށް ދުފުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަށް އިޝާރާތްކުރައްވައި، ދުނިޔޭގެ ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދުގެ މަތިން މި ނިންމުމަށް ތާއީދުކުރައްވާފައެވެ. އަދި ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝްގެ އިތުރުން ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ގިނަ މެންބަރުން ވެސް ވަނީ މި ނިންމުމަށް ތާއީދުކުރައްވާފައެވެ.
މި ނިންމުން ނިންމާފައިވަނީ ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ވިއްކުން މަނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ދަނޑިވަޅެއްގައެވެ. ފާހަގަކޮށްލެވޭ ކަމަކީ، 2007 ވަނަ އަހަރުގެ ފަހުން އުފަންވި އެންމެންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން ވެސް ވަނީ މަނާކޮށްފައިވުމެވެ.
މި ނިންމުމަކީ ދުންފަތުގެ އިސްތިއުމާލު ކުރުން މަދުކޮށް، ސިއްހަތަށް ފައިދާހުރި މާހައުލެއް ގާއިމުކުރުމަށް އެޅޭ އިތުރު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.

