އުފެއްދުންތެރިކަމުގެ މައުރަޒުން ރަންވަނަތަކެއް ހޯދި އައިމިނަތު އިބްރާހީމާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުން ބާއްވައިފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
އައިމިނަތު އިބްރާހީމް ވަނީ ތިން ގިންތިއަކުން ވަނަތައް ހޯދާފައެވެ. އެއީ މަސްވެރިކަމުގެ ގިންތިން ދެ ވަނަ އަދި މަހުގެ އުފެއްދުންތައް ވެލިއު އެޑިޝަން ދެ ވަނަ އަދި އުފެއްދުންތެރިކަމުގެ މައުރަޒުން ތިން ވަނައެވެ.
މި ބައްދަލުވުމުގައި، މި މަސައްކަތް އިތުރަށް ފުޅާކޮށް ކުރިއަށް ދެވޭނެ ގޮތްތަކާ ގުޅޭގޮތުން ވަނީ އައިމިނަތު އިބްރާހީމާއި މިނިސްޓަރ މަޝްވަރާކުރައްވާފައެވެ. އަދި މިނިސްޓްރީގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން މިނިސްޓަރ ވަނީ އައިމިނަތު އިބްރާހީމަށް ދެއްވާފައެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުން ވަނަތައް ހާސިލުކުރެއްވި ފަރާތްތަކަށް އިނާމް ދިނުމުގެ ރަސްމީޔާތުވެސް ވަނީ ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުން މުޅި މައުރަޒުން އެންމެ މަތިން މާކްސް ހޯދައިގެން ރަންވަނަ ޙާޞިލުކުރެއްވި 5 އުފެއްދުމަކަށް އިނާމް ޙަވާލުކޮށްދެއްވާފައެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ނުވަތަ މޯލްޑިވްސް އެކްސްޕޯ 2025 އަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި އުފެއްދުންތެރިކަމަށް އަމާޒުކޮށްގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބޭއްވި މައުރަޒެކެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ނުވަތަ މޯލްޑިވްސް އެކްސްޕޯ 2025 އަކީ ދިވެހީންގެ ޒަމާންވީ މަސައްކަތްތެރިކަމާއި އަދި ޒަމާނީ ފަންނުވެރިކަން ހިމެނޭހެން ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ ފަންނުވެރިންގެ ހުނަރުވެރި އުފެއްދުންތައް އެއް ފުރާޅެއްގެ ދަށުން ދައްކުވައިދޭނެ މައުރަޒެކެވެ.
ރާއްޖޭގައި އުފެއްދުންތެރިކަމުގެ މައުރަޒެއް އެންމެ ފުރަމަ ބޭއްވީ 1944 ވަނަ އަހަރުގެ ތެރޭގައެވެ. އެފަހުން ތަފާތު ނަންނަމުގައި މި މައުރަޒު މީގެ ކުރިން އެކި އަހަރުމަތިން ވަނީ ބާއްވާފައެވެ. އެހެންނަމަވެސް މިހާ ފުޅާކޮށް މި މައުރަޒު ބޭއްވިގެން މިދަނީ ގާތްގަނޑަކަށް 6 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.

