ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް، އިލެކްޓްރޯނިކް މޮނިޓަރިންގ ޓެގް އެޅުވުމަށްފަހު، ލުއި ދިނުމުގެ މަސައްކަތް ފަށައި، ދެމީހަކު ޓެގް އަޅުވާފައި ދޫކޮށްލާފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ހާމަކޮށްފިއެވެ. މި މަސައްކަތް ފެށުމާ ގުޅޭގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިއްޔެ މަޢުލޫމާތު ދެއްވާފައެވެ.
ޕީޖީ އޮފީހުން މަޢުލޫމާތު ދެމުން ބުނެފައިވަނީ، މި ނިޒާމުގެ ތެރެއިން ބަންދަށް ލުއި ދެވިދާނެ މީހުން ކަނޑައަޅަމުން ގެންދަނީ، އެ މީހުން މޮނިޓަރ ކުރެވޭ ގޮތަށް މުޖުތަމައު ތެރެއަށް ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ތައްޔާރުކުރާ އެސެސްމަންޓަށް ރިޢާޔަތްކޮށް ކަމަށެވެ. އަދި އެސެސްމަންޓުތައް ޕީޖީ އޮފީހަށް ލިބެމުންދާ ވަރަކުން، ބަންދަށް ލުއި ދިނުމުގެ ކަންކަން ކުރިއަށްގެންދެވޭނެ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ. އިއްޔެގެ ނިޔަލަށް، ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި 2 މީހެއްގެ ބަންދަށް، މޮނިޓަރިންގ ނިޒާމުގެ ތެރެއިން ލުއިދީފައިވާ ކަމަށާއި، އިތުރު 5 މީހެއްގެ ބަންދަށް ލުއި ދިނުމާ ގުޅޭ އަޑުއެހުންތައް މިއަދު ކޯޓުތަކުގައި ކުރިއަށްދާނެ ކަމަށްވެސް ޕީޖީ އޮފީހުން ހާމަކޮށްފައިވެއެވެ.
“އެސެސްމަންޓުތައް މި އޮފީހަށް ލިބެމުންދާ ވަރަކުން، ބަންދަށް ލުއި ދިނުމުގެ ކަންކަން ކުރިއަށް ގެންދެވޭނެއެވެ. އެގޮތުން އިއްޔެ، 28 މޭ 2025 ގެ ނިޔަލަށް، ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި 2 (ދޭއް) މީހެއްގެ ބަންދަށް، މޮނިޓަރިންގ ނިޒާމުގެ ތެރެއިން ލުއިދީފައިވާނެއެވެ. އަދި އިތުރު 5 (ފަހެއް) މީހެއްގެ ބަންދަން ލުއި ދިނުމާ ގުޅޭ އަޑުއެހުންތައް މިއަދު، 29 މޭ 2025 ގައި ކޯޓުތަކުގައި ކުރިއަށްދާނެއެވެ.” ޕީޖީ
މި މަސައްކަތުގެ ތެރެއިން ބަންދަށް ލުއިދެވޭނީ އިލެކްޓްރޯނިކް މޮނިޓަރިންގ ޓެގް އެޅުވުމުން، އެމީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވިދާނެކަމަށް ފެންނަ ބާވަތްތަކުގެ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނަށް ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.
ނަމަވެސް ބައެއް މައްސަލަތަކުގައި، ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުއި ދިނުމަށް އަދި ހަމަޖެހިފައި ނުވާ ކަމަށް ޕީޖީ އޮފީހުން ހާމަކޮށްފައިވެއެވެ. އެމައްސަލަތަކަކީ؛
- ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި،
- މަރުގެ މައްސަލަތަކާއި،
- ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި،
- މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި
މި މަސައްކަތުގެ ތެރެއިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ރިމާންޑު ޖަލުތަކުގެ ޖާގައިގެ ދަތިކަމަށް ކޮންމެވެސް މިންވަރެއްގެ ޙައްލެއް ލިބި، ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭ ވަސީލަތްތަކަށް ހެޔޮ ބަދަލެއް ގެނެވޭނެކަމަށް ޕީޖީ އޮފީހުން ދެކޭ ކަމަށް ބުނެފައިވެއެވެ. އަދި އެ އޮފީހުގެ އަމާޒަކީ، ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމާގުޅޭ މައްސަލަތަކަށް ވަށާޖެހޭ އަދި ދާއިމީ ޙައްލެއް ގެނައުން ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
މި އައު ނިޒާމުގެ ދަށުން ބަންދުގައި ތިބޭ މީހުންނަށް ލުއިދިނުމުގެ މަސައްކަތް ކުރިއަށްދާއިރު، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިސްކަންދޭނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

