ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމާގުޅޭ މައްސަލަތަކަށް ވަށާޖެހޭ އަދި ދާއިމީ ޙައްލެއް ގެނައުމަކީ އެ އޮފީހުގެ އަމާޒެއް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފިއެވެ. މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި ޕީޖީ އޮފީހުން ވަނީ އިލެކްޓްރޯނިކް މޮނިޓަރިން ޓެގް ބޭނުންކޮށްގެން ބަންދުގައި ތިބޭ މީހުންނަށް ލުއިދިނުމުގެ މަސައްކަތް ފަށާފައެވެ.
ޕީޖީ އޮފީހުން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، އިއްޔެ ވަނީ ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި ދެ މީހެއްގެ ބަންދަށް، މޮނިޓަރިން ނިޒާމުގެ ތެރެއިން ލުއިދީފައެވެ. އަދި މިއަދު އިތުރު ފަސް މީހެއްގެ ބަންދަށް ލުއި ދިނުމާ ގުޅޭ އަޑުއެހުންތައް ކޯޓުތަކުގައި ކުރިއަށްދާނެ ކަމަށްވެސް އެ އޮފީހުން ހާމަކޮށްފައިވެއެވެ.
ޕީޖީ އޮފީހުން އިތުރަށް ބުނެފައިވަނީ، އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދެވޭނީ އެސެސްމަންޓް އެ އޮފީހަށް ލިބުމުން، އޭގައިވާ ކަންކަމަށް ރިޢާޔަތްކޮށްގެން ކަމަށެވެ. މިގޮތުން، ބަންދަށް ލުއި ދެވިދާނެކަމަށް ޕީޖީ އޮފީހަށް ފެންނަނަމަ، ބަންދު މުރާޖަޢާކުރުމަށް ކޯޓަށް ހުށަހަޅައިގެން އެކަންކަން ކުރިއަށް ގެންދާނެ ކަމަށް އެ އޮފީހުން ހާމަކޮށްފައިވެއެވެ. ލުއި ދެވޭނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 66 ވަނަ މާއްދާގެ ދަށުން، ކޯޓުން ގިނަވެގެން 100 ދުވަހަށް ކަނޑައަޅާ ޝަރުތެއްގެ ގޮތުގައެވެ.
އަދި މި ނިޒާމުގެ ދަށުން ބަންދަށް ލުއި ދީފައިވާ މީހުންގެ ޝަރުޠުތައް މުރާޖަޢާކުރުމަށް ކޮންމެ 100 ދުވަހަކުން އެއްފަހަރު ޕީޖީ އޮފީހުން ކޯޓަށް ހުށަހަޅާނެ ކަމަށާއި، ބަންދަށް ލުއި ދީފައިވާ މީހަކު، އޭނާގެ މައްޗަށް ކޯޓުން ކޮށްފައިވާ އެއްވެސް ޝަރުޠަކާ ޚިލާފުވެއްޖެނަމަ، ވަގުތުން އެ މީހަކު އަލުން ބަންދުކުރުމަށް ކޯޓުގައި އެދޭނެ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ “ވާނުވާ ބަންދު”ގައި މީހުން ބޭތިއްބުމުގެ މައްސަލައަށް އޮތް ދާއިމީ އެންމެ ރަނގަޅު ޙައްލަކީ، މައްސަލަ ބަލައި ނިންމުން އަވަސްކުރުން ކަމަށް ވިދާޅުވެފައެވެ. އަދި މިކަމަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ. މީގެ އިތުރުން، މި މައްސަލައަށް ވަކާލާތުކުރާ ފަރާތްތަކާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އަޑުއެއްސެވުމަށްފަހު، އެކަންކަމަށް ރިޢާޔަތްކުރައްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
މި އައު ނިޒާމުގެ ސަބަބުން، ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމުގެ މައްސަލައަށް ވަށާޖެހޭ އަދި ދާއިމީ ޙައްލެއް ލިބި، ޢަދުލު އިންސާފުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

