ތ. ކަނޑޫދޫ ސްކޫލްގެ ދަރިވަރެއްގެ އިނގިލީގެ ހުޅުން ނައްޓާލި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހައްޔަރުކުރި އިންޑިއާ ޓީޗަރު ދޫކޮށްލައިފިއެވެ.
މި ހަފްތާގެ ހޯމަދުވަހު މި ހާދިސާގާފައިވާއިރު، އަންގާރަ ދުވަހު ހައްޔަރު ކޮށްފައިވާއިރު، އެ އިންޑިއާގެ ޓީޗަރު ވަނީ ހައްޔަރުކުރިތާ 24 ގަޑިއިރު ވުމުގެ ދޫކޮށްލާފައެވެ. ބަންދުގެ މުއްދަތު އިތުރު ނުކޮށް ދޫކޮށްލީ ތަހުގީގަށް ބޭނުންވާ މައުލޫމާތު ނެގުމަށް ފަހު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ މެއި 26 ވަނަ ދުވަހު ހެނދުނު 10:55 ހާއިރު އެ ސްކޫލްގެ ބިދޭސީ ޓީޗަރަކު ސްކޫލް ދަރިވަރެއްގެ އިނގިލީގައި ހިފައި އަނބުރާލައި ހުޅުން ނައްޓާލި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަަމަށެވެ.
ފުލުހުން ކުރިން ބުނީ ޓީޗަރަކު ފިރިހެންކުއްޖެއްގެ އިނގިލި އަނބުރާލައި ހުޅުން ނައްޓާލި ކަމަށް ބުނާ މައްސަލައިގައި އެ ކުއްޖާ އަށް ވޭމަންޑޫ ހޮސްޕިޓަލުގައި ވެސް ފަރުވާ ދީފައިވާ ކަމަށެވެ.
ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އިނގިލި ބިންދައިގެން ދިޔައީ 11 އަހަރުގެ ފިރިހެން ކުއްޖެއްގެއެވެ.

