ޑެލިވަރީ އެޑްރެސް ހޯދަން ކަމަށް ބުނެ ޕޯސްޓް އޮފީހުގެ ނަމުގައި ސްކޭމް މެސެޖްތަކެއް ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ޕޯސްޓް އޮފީހުން އާންމުންނަށް އިލްތިމާސްކޮށްފިއެވެ.
މޯލްޑިވްސް ޕޯސްޓުން މިކަން ހާމަކޮށްފައިވަނީ، ފަހަކަށް އައިސް ޕޯސްޓުގެ ނަމުގައި ކަސްޓަމަރުންނަށް ސްކޭމް މެސެޖްތަކެއް ފޮނުވަމުންދާތީއެވެ. މި މެސެޖްތަކުގައި ބުނެފައިވަނީ ކަސްޓަމަރުގެ އެޑްރެސް ނުބައިކޮށް ޖަހާފައި އިނުމުން ޕެކޭޖް ޑެލިވަރ ނުކުރެވިފައިވާ ކަމަށާއި، ރަނގަޅު އެޑްރެސް ޖެހުމަށްޓަކައި މެސެޖްގައިވާ ލިންކަށް ފިއްތާލުމަށެވެ.
މޯލްޑިވްސް ޕޯސްޓުން ވަނީ އެއްވެސް ހާލެއްގައި އެޑްރެސް ހޯދުމަށް ކަސްޓަމަރުންނަށް މެސެޖެއް ނުކުރާނެކަން ސާފުކޮށް ބަޔާންކޮށްފައެވެ. އަދި ޒާތީ އަދި މާލީ މަޢުލޫމާތު ރައްކާތެރިކުރުމަށްޓަކައި، މިފަދަ ލިންކްތަކަށް ނުފިއްތުމަށް ވެސް އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ.

ޒާތީ އަދި މާލީ މަޢުލޫމާތު ރައްކާތެރިކުރުމަށްޓަކައި، މިފަދަ ލިންކްތަކަށް ނުފިތުމަށް އިލްތިމާސްކުރައްވާ
މި ދުވަސްވަރަކީ ޓީމޫ މެދުވެރިކޮށް ގިނަ ބަޔަކު އޯޑަރުކޮށްފައިވާ ޕެކޭޖްތައް ނުލިބިގެން ޝަކުވާ ކުރަމުންދާ ދުވަސްވަރަކަށް ވުމާއެކު، މިފަދަ ސްކޭމް މެސެޖްތަކަށް ވަރަށް ބޮޑަށް ސަމާލުވުމަށް ޕޯސްޓުން އިރުޝާދު ދީފައިވެއެވެ.
ޕޯސްޓުން އާންމުންނަށް އިލްތިމާސްކޮށްފައިވަނީ މިފަދަ މެސެޖެއް ލިބިއްޖެނަމަ، އެއީ ހަގީގަތުގައިވެސް ޕޯސްޓް އޮފީހުން ފޮނުވާފައިވާ މެސެޖެއްތޯ ޔަގީންކުރުމަށްފަހު މެނުވީ އެއްވެސް ލިންކަކަށް ނުފިއްތުމަށެވެ. އަދި މިފަދަ ޝައްކުވާ މެސެޖެއް ލިބިއްޖެނަމަ އެކަން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރުމަށްވެސް އެދިފައިވެއެވެ.

