ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެކުނުފަރާތުގެ ރަސްމީ ދޮރާށީގެ ކުރިމަތިން އޮންނަ ބިމުގައި، ދިވެހިރާއްޖޭގެ މީޑިއާތަކަށް ބޭނުންކުރެވޭގޮތަށް ތަރައްޤީކުރި “މީޑިއާ ފެންޑާ” މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުވައިދެއްވައިފިއެވެ.
މި ފެންޑާ ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި މީޑިއާ ފެންޑާގައި ރަޖިސްޓްރީ ކޮށްފައިވާ ނޫސްތަކުގެ ނޫސްވެރިން ބައިވެރިވެފައިވާއިރު، ރައީސް މުޢިއްޒު ވަނީ ނޫސްވެރިންނާއެކު އެ ސަރަޙައްދުގައި ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ. މީޑިއާ ފެންޑާ ހުޅުވުމާއެކު، އެތަން ބޭނުންކުރުމުގެ ޚާއްޞަ އުޞޫލެއްވެސް ވަނީ އާންމުކޮށްފައެވެ.
މި ފެންޑާ ބޭނުންކުރެވޭނީ މޯލްޑިވްސް މީޑިއާ ކައުންސިލުގެ މީޑިއާ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ މީޑިއާތަކުގެ ނޫސްވެރިންނަށް އެކަނި ކަމަށް އުޞޫލުގައި ބަޔާންކޮށްފައިވެއެވެ. މީގެ މައިގަނޑު މަޤްޞަދަކީ ރައީސް އޮފީހާއި އެ ސަރަޙައްދުގައި ހުންނަ ސަރުކާރުގެ އޮފީސްތަކުން މަޢުލޫމާތު ހޯދުމަށް މީޑިއާތަކަށް ފަސޭހަކޮށްދިނުމެވެ.
މީޑިއާ ފެންޑާ ބަލަހައްޓާނީ ރައީސް އޮފީހުން ކަމަށްވާއިރު، ސަރުކާރު ރަސްމީ ގަޑީގައި އާންމުކޮށް ހުޅުވިފައި ހުންނާނެއެވެ. އަދި ނޫސްވެރިން ބޭނުންވާ ޙާލަތްތަކުގައި 24 ގަޑިއިރު ވެސް ހުޅުވިފައި ބެހެއްޓޭނެ ކަމަށް އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.
ގްރީން ޒޯނުގެ ސަރަޙައްދުގައި މި ފެންޑާ ހުރުމާއެކު، އެ ސަރަޙައްދުގެ ސަލާމަތީ އުޞޫލުތައް މި ފެންޑާގައިވެސް ހިނގާނެއެވެ. އަދި އުޞޫލާ ޚިލާފުވާ ފަރާތްތަކަށް ފެންޑާ ބޭނުންކުރުމުގެ ފުރުޞަތު ނުދިނުމުގެ އިޚްތިޔާރު ރައީސް އޮފީހަށް ލިބިގެންވެއެވެ.
މީޑިއާ ފެންޑާ ޤާއިމުކުރުމަކީ ސަރުކާރުން މީޑިއާތަކަށް މަޢުލޫމާތު ފޯރުކޮށްދިނުން ފަހިކޮށްދިނުމަށާއި، ނޫސްވެރިކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު އިތުރު ފިޔަވަޅެކެވެ.

