މީގެ އެތައް އަހަރެއް ކުރިން މުނިފޫހިފިލުވައިދިނުމުގެ ދާއިރާއިން ދިވެހިންގެ ތެރެއަށް ނުކުތް އަދި ދެގޮތެއް ނުވެ އެއްމިންގަނޑެއްގައި ހިނިތުންވެހުރެ ދިވެހިންގެ ހިތްތަކުން ޖާގަ ހޯދައި، ރާއްޖެއާއި ދުނިޔޭގެ ފެންވަރުގައި ކާމިޔާބީގެ ހަރުފަތްތަކުން މައްޗަށް އަރަމުންދާ ސުނީތާ، އެންމެންގެ ސުނީގެ ހަޔާތުގެ މުޅިން އައު ބާބެއް ފެށެން އުޅޭކަމުގެ އަޑުތައް އިވެން ފަށައިފިއެވެ. ސޯޝަލްމީޑިއާގެ ކޮންމެ މަންސައަކުންވެސް މިއަދު ފެންނަމުންދަނީ އެއް މަންޒަރެކެވެ. އިވެމުންދަނީ އެއްއަޑެކެވެ.
ރާއްޖޭގައި މުނިފޫހިފިލުވުމާއި ޝޯވތަކާއި ސިނަމާތައް ދާދި މަދު އަދި އާދައިގެ ގޮތަކަށް އޮތީއްސުރެ ދިވެހިންގެ ހިތްހަމަޖައްސައިދިނުމަށް އަމިއްލަ މިންނަތުން ކުރިއަރަމުން އައިސް މިއަދު ކާމިޔާބު ވިޔަފާރިވެރިއަކަށްވެސް ވެފައިވާ ސުނީގެ ހަޔާތަށް މުޅިން އައު ކުލައެއް އަންނަނީއެވެ. ވީޑިއޯއިން ފެންނަނީ ރަތް ކުލައިގެ ފިނިފެންމަލަކާއި ރަތްކުލައިގެ ހެދުމެކެވެ. ސުނީގެ ހިނިތުންވެފައިވާ މޫނުންވެސް ފެންނަނީ މުޅިން ތަފާތު އަސަރަކާއި އިންތިހާ އުފާވެރިކަން އެކުލެވޭ އެހެނަސް ލަދުރަކި ހިނިތުންވުމެކެވެ. ދެން ފެނިގެން ދިޔައީ މީގެ ކުރިން ސުނީގެ އެއްވެސް ވީޑިއޯއަކުން ނުފެންނަ މުޅިން އައު މޫނެކެވެ.

އިއްޔެގެ ތާރީހުގައި 28 މެއި 2025، ސުނީގެ އުފާވެރިހަޔާތުގެ ފެށުން
ރަތްފިނިފެންމަލާއި ރަތްކުލައިގެ "ޓްވިނިންގ"ހެދުމުގެ އިތުރުން ދެން ފެނިގެން ދިޔައީ އުފާވެރި ހަބަރެއްގެ ނިޝާނެވެ. އާއެކެވެ. އަޅުގަނޑުމެންގެ ސުނީގެ އެންގޭޖްމަންޓް ކުރެވިއްޖެއެވެ. ސުނީ ހަޔާތުގެ ބައިވެރިޔަކު ހިޔާރު ކުރީއެވެ. ސުނީގެ ފިއޯންސޭ ނުވަތަ މަންގޭތަރަކީ މިސްރު (އިޖިޕްޓް)ގެ ޒުވާނެކެވެ. ބައެއް މީހުން "ޕްރިޔަންކާއާއި ނިކް ޖޯންސް" އޭވެސް ބުނެފައި ހުރި ކޮމެންޓުތައްވެސް ފެނުނެވެ. އެހެންވެސް ކިއިދާނެއެވެ. ޕްރިޔަންކާއަށްވުރެ ނިކް ހަގު ވުމުން އެންމެންވެސް އެވާހަކަ ދެއްކިއެވެ. ސުނީގެ ބައިވެރިޔާގެ އުމުރު ހަގު ވީމަ އެގޮތުންވެސް ސުނީ ޕްރިޔަންކާގެ ނަންބަރ 1 ފޭނަށް މާބޮޑަށްވެސް ވީތާއެވެ. ފާޑުކިޔާމީހުންގެ ކަމަކީ ފާޑުކިޔައި ގޮތް ކިޔުންތާއެވެ. ހަގީގަތަށް ބަލާނަމަ އުމުރަކީ ހަމަ އެކަނި އަދަދެކެވެ، ނަންބަރެކެވެ. އޭގެ އެއްވެސް ބޭނުމެއް ނުހިފޭ އެއްޗެކެވެ. ދުނިޔޭގައި އުމުރުގެ ފަހަގު ނުފެނި ކުރިއަށްދާ ކާމިޔާބު ކިތަންމެ ކައިވެންޏެއް ފެނެއެވެ. ދެމީހެއްގެ ދެމެދުގައި އިތުބާރާއި ޔަގީންކަމާއި އޯގާތެރިކަމާއި އަޅާލުމާއި ދެނެގަތުން އޮތިއްޔާ އެދެމެދަށް އުމުރު ވަންނާނެ ޖާގައެއް ނޯންނާނެތާއެވެ.
ފުރާވަރުގެ އުމުރުގައި ސުނީގެ ފުނޑުފުނޑުވި އުއްމީދުތަކުގެގަނޑުވަރު އަލުން އާރާސްތުވެ ބިނާވެގެންދާ މަންޒަރު މިހާރު ޔަގީނުންވެސް އެބަފެެނެއެވެ. ސުނީއަކީ ހިތްވަރު ގަދަ އަންހެނެކެވެ. ފިލްމީ ދާއިރާގެ އެތެރެއިންނާއި ބޭރުން ސުނީއަށް ކެތްކުރަން ފަސޭހަނޫން އެތަކެއް ގޮންޖެހުންތަކާއި ގަނާ ކުރުމާއި ގިނަ ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހުނެވެ. ނަމަވެސް، ސުލޫކާއި އަހުލާގާއި އަމިއްލަވަންތަކަމާއި އަމިއްލަނަފުސުގެ ގަދަރުހިފަހައްޓައި، ސުނީ ފިޔަވަޅު އެޅީ އަބަދުވެސް ކުރިއަށެވެ. ފަސްއެނބުރި ބެލުމެއް ނެތިއެވެ. އެހެންމީހުންގެ އިޙްތިރާމް ހޯދައިގެން ކުރިއަށް ދިޔަ ސުނީ "ސުނީސް ސްޕެޝަލް" ގެ ނަމުގައި ފެށި އަމިއްލަ ވިޔަފާރީގައިވެސް ދިމާވި ގޮންޖެހުންތަކާ ކެރިހުރެ ކުރިމަތިލި ހިތްވަރުގަދަ އަންހެނެކެވެ.

ސުނީއާއި އޭނާގެ ވާން އުޅޭ ފިރިމީހާގެ ތަސްވީރެއް، —ފޮޓޯ:ޓިކްޓޮކްވީޑިއޯ އެސްއެސް
ހަަސަދައާއި މަލާމާތައި ފުރައްސާރަ، ހުތުރުވެގެންވާ ލަދުވެތި ބަދުނާމުގެ ބަސްތައް ބުނެ ސުނީއާ ދިމާއަށް އިނގިލި ދިއްކުރި މީހުން މިއަދު ކިޔާނީ ކީކޭބާވައޭ ހިތަށްއެރިއެވެ. އެއީ ހަމަ އެއްކަލަ އެންމެން "ދުލުންކިޔަން ހެޔޮނުވާ" ބަސްބަހުން މުހާތަބު ކުރި ސުނީތާ އަލީއެވެ. ގައިމު އެއްވެސް ބަދަލެއް އައިސްފައެއް ނެތެވެ. މޫނު ބަދަލެއް ނުވެއެވެ. ސިފަވެސް ހުރީ ހަމަ އިހު ހުރި ގޮތަށެވެ. އެއްވެސް ސާޖަރީއެއް ކޮށް ސިފަ ބަދަލުކޮށްފައެއް ނެތެވެ. އެކަމަކު ޔަގީނުންވެސް ސުނީ އެހެރީ އުފަލުންނެވެ. އޭނާގެ އަތުގައި ހިފަހައްޓައިގެން އެހެރީ އިތުބާރާއި ޔަގީންކަން ދޭނެ ބައިވެރިއެއްކަން ވީޑިއޯ ބަލާ ކޮންމެ މީހަކަށް ފަހުމުކުރެވޭނެކަން ގައިމެވެ.
ކޮންމެއަކަސް އަޅުގަނޑުމެންގެ ސުނީއަށް ހަމަ ހާސްފަށުން މަރުހަބާއާއި ތަހުނިޔާ ކިޔަމެވެ. ދެން އެންމެ އަވަހަށް އަންނަ ހެޔޮ ސާޢަތެއްގައި ސުނީގެ ކައިވެނިވާނެ ކަމުގެ އުއްމީދާއެކު ހެޔޮދުއާ ކުރަމެވެ. ސުނީއަކީ ދިވެހި އަންހެނުންނަށް ހުރި ކެތްތެރިކަމާއި ހިތްވަރުގަދަކަމުގެ ލާމަސީލު މިސާލެކެވެ.

