ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓް ކަމަށް ބަލާނީ ނޮވެންބަރު 15، 2023 ގައި ނެރެފައިވާ ލިސްޓް ކަމަށާއި އެ ލިސްޓުން އުނިކުރާނީ ޝަރުތު ހަމަނުވާ މީހުން ކަމަށް ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ..
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއްތަލިބް ވިދާޅުވި ގޮތުގައި، ނިމިފައިވާ ފްލެޓްތައް ލިބޭ ފަރާތްތަކާ ހަވާލުކުރުމަށްޓަކައި އެގްރީމެންޓް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އަދި ޖުލައި މަހުގެ ނިޔަލަށް އިތުރު 1000 ފްލެޓް ނިންމުމަށްފަހު، ސެޕްޓެމްބަރު މަހުގެ ނިޔަލަށް 4000 ފްލެޓްގެ މަސައްކަތް އެއްކޮށް ނިންމައި ހަވާލުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.
މިނިސްޓަރު އިތުރަށް ހާމަކުރެއްވި ގޮތުގައި، ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓުގެ ގޮތުގައި ބަލާނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 15 ގައި އޭރުގެ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ކޮށްފައިވާ އިއުލާނާއެކު އާންމުކުރި ލިސްޓެވެ. އަދި މީގެ އިތުރުން އެއްވެސް އިތުރު ލިސްޓެއް ނުނެރޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިނިސްޓަރު މުއްތަލިބް ވިދާޅުވި ގޮތުގައި، މާލޭގައި 15 އަހަރު މެދުނުކެނޑި ދިރިއުޅުނުކަން ސާބިތުކުރުމުގެ އުސޫލަށް ވަނީ ބަދަލު ގެނެސްފައެވެ. މިގޮތުން 15 އަހަރު ކުރިން މާލޭގައި ދިރިއުޅެން ފެށިކަން ރަސްމީ ލިޔެކިޔުމަކުން އެނގޭނަމަ އަދި 15 އަހަރުގެ މުއްދަތުގައި އެހެން ރަށަކަށް ދިރިއުޅުން ބަދަލުކުރިކަން ޔަގީން ނުކުރެވޭނަމަ، އެފަރާތެއް ބެލެވޭނީ 15 އަހަރު މެދުނުކެނޑި މާލޭގައި ދިރިއުޅުނު ފަރާތެއްގެ ގޮތުގައެވެ.
މި ބަދަލާ ގުޅިގެން ވަރަށް ގިނަ ފަރާތްތަކަކަށް ފްލެޓް ލިބިގެންދާނެ ކަމަށާއި، ޝަރުތު ހަމަނުވާ ވަރަށް މަދު ބައެއް އެކަނި ލިސްޓުން އުނިވާނެ ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. އަދި ލިސްޓަށް އަމަލުކުރާނީ އޭސީސީން އަންގާފައިވާ އެންގުންތަކާއި އުސޫލުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށްގެން ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

