ހަ ޓީމަކާ ވާދަކޮށްގެން މިއަހަރު ކުރިޔަށް ދިޔަ ބޮޑުބެރު ޗެލެންޖުން އެއްވަނައަށް ބޮޑުބެރު ގްރޫޕް "1438" ވަނީ ހޮވިފައެވެ. މި މުބާރާތަކީ އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ބޭއްވި މުބާރާތެކެވެ.
މި މަހުގެ 24 ވަނަ ދުވަހުން 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ދިޔަ މި މުބާރާތުގެ ފައިނަލްގައި ތިން ޓީމު ވާދަކުރިއެވެ. ފައިނަލްގައި ވާދަކުރި ކޮންމެ ޓީމަކުން ތިން ލަވަ ހުށަހެޅިއެވެ. މުބާރާތުގެ ދެވަނައަށް ހޭވައްލާ އަދި ތިންވަނައަށް ރިދަމް ބޮޑުބެރު ގްރޫޕް ހޮވުނެވެ.
މުބާރާތުގެ އެއްވަނަ ޓީމަށް 75,000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ ލިބުނެވެ. ދެވަނަ ޓީމަށް 50,000 ރުފިޔާ އަދި ތިންވަނަ ޓީމަށް 25,000 ރުފިޔާގެ ފައިސާގެ އިނާމާއެކު ޓްރޮފީ ހަވާލުކުރެވުނެވެ. އަދި ބެލުންތެރިން ހޮވި އެންމެ މަޤުބޫލު ބޮޑުބެރު ޓީމުގެ ގޮތުގައި ރިދަމް ގްރޫޕަށް 25,000 ރުފިޔާ ލިބުނެވެ.
މި މުބާރާތުގައި އެންމެ މޮޅު ބޮޑުބެރު ގްރޫޕްގެ އިތުރުން އެންމެ މޮޅު ބެރުވެރިޔާ، ނަގާކިޔުންތެރިޔާ، ޒުވާބު އަދި ނެށުންތެރިޔާވެސް ހޮވާފައިވެއެވެ. މުބާރާތުގައި ބައިވެރިވި ޓީމުތަކުން ކާސިމަޖާއާއި ބަބުރާއި ޒަމާނީ ލަވަތަކާއި ތިންބެރުގެ ލަވަތައްފަދަ ދިވެހި ސަގާފީ ބޮޑުބެރުގެ މުހިންމު ބައިތައް ހުށަހަޅައިދީފައިވެއެވެ.
ބީސީސީން ހާމަކުރި ގޮތުގައި މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތުގެ މުއްސަނދިކަން ދައްކުވައިދީ، ބޮޑުބެރުގެ ވާދަވެރިކަމުގެ ތެރެއިން މި ދާއިރާއަށް އައު ތަރިން ނެރުމެވެ. މި މުބާރާތް ބޭއްވިފައިވަނީ އަހަރުތަކަކަށްފަހު ބޭއްވުނު ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒާ ގުޅިގެންނެވެ.

