ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބަންޑާރަނައިބުގެ އޮފީހުގެ ބިލު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.
މި ބިލަކީ، 15 މޭ 2025 ވީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 32 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ. މިއާއެކު، ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނު ވުޖޫދުވީއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރެއްވުމާ ގުޅިގެން ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ.
މި ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ ބަންޑާރަނައިބުގެ މަގާމަށް އައްޔަންކުރެވޭ ފަރާތެއްގެ ޝަރުތުތަކާއި، ޒިންމާތަކާއި މަސްއޫލިއްޔަތުތައް ކަނޑައެޅުމެވެ. މީގެ އިތުރުން، ސިވިލް ސަރވިސްގައި ނުހިމެނޭ ވަކި އޮފީހެއްގެ ގޮތުގައި ބަންޑާރަނައިބުގެ އޮފީސް ޤާއިމުކުރުމަށްވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ޤާނޫނުއަސާސީގައި މިނިވަން މުއައްސަސާއެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް، މިހާތަނަށް ބަންޑާރަނައިބުގެ އޮފީސް ހިންގަމުން އައީ ސިވިލް ސަރވިސްގެ ދަށުންނެވެ. އެހެންނަމަވެސް މި ޤާނޫނާ އެކު، އެހެން މިނިވަން މުއައްސަސާތަކެކޭ އެއްފަދައިން ވަކި ޤާނޫނެއްގެ ދަށުން ހިންގޭ ތަނަކަށް ބަންޑާރަނައިބުގެ އޮފީސް ވެގެންދާނެއެވެ.
މި ޤާނޫނުގެ ދަށުން ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ ގޮތުގައި ހިމެނެނީ ޑެޕިއުޓީ އެޓަރނީ ޖެނެރަލާއި، ސެކްރެޓަރީ ޖެނެރަލާއި، ލީގަލް ސަރވިސް އަދި އެޑްމިނިސްޓްރޭޓިވް ސަރވިސްގެ މަޤާމުތަކަށް އައްޔަންކުރެވޭ ފަރާތްތަކެވެ. މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުގެ ސިޔާސަތުތަކާ އެއްގޮތަށް މާލީ ވަޒީރެވެ.
މި ޤާނޫނުގައި މުވައްޒަފުންނަށް ސިއްޙީ އިންޝުއަރެންސްގެ ޚިދުމަތާއި، ރިޓަޔަމަންޓް އިނާޔަތްތައް ލިބިދިނުމަށްވެސް ވަނީ ކަނޑައަޅާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ ގެޒެޓުގައި ޝާއިޢުކުރާތާ 90 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.

