ރައްޔިތުން މަޖިލީހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ގެ ޅެން ފޮތް "ބަނަފުސާ" އާއި ލަވަ އަލްބަމް "އަރާއިރު" ނެރެފިއެވެ. މި ޅެން ފޮޮތާއި ލަވަ އަލްބަަމް ނެރުނީ، މިމަހުގެ 28 ވަނަ ދުވަހުގެ ރޭ ލ. ފޮނަދޫ އަރާއިރުގެ އިރުން އޮންނަ ފަންނު ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތެއްގަައެވެ.
މި ޚާއްޞަ ރަސްމިއްޔާތުގައި ޅެންފޮތް ނެރުއްވައިދެއްވީ މަޝްހޫރު ޅެންވެރިޔާ އާދަމް ޢަބްދުއްރަޙްމާން (އުތީމު އާދަމްބެ) އެވެ. އަދި ލަވަ އަލްބަމް "އަރާއިރު" ނެރުއްވައިދެއްވީ އޮނަރަބަލް ހަމްދޫން ޙަމީދެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ނަންދެއްކި ޅެންވެރިންނާއި އަދަބީ ޝަޚްޞިއްޔަތުތަކުގެ ތެރެއިން މުޙައްމަދު ޝާހިދު ޙަލީމް، އީސާ ޝަރީފް އަދި ދިވެހިބަހުގެ އެކެޑަމީގެ ކުރީގެ ރައީސް އަޝްރަފް ޢަލީ ބައިވެރިވެ ވަޑައިގެންނެވިއެވެ.
"އަރާއިރު" އަލްބަމްގައި ހިމެނެނީ ޖުމްލަ ހަ ލަވައެވެ. މި ލަވަތަކުގައި ބޭނުންކޮށްފައިވަނީ ހަމައެކަނި ދިވެހި އަމިއްލަ ރާގުތަކެވެ. އަލްބަމްގައި ހިމެނޭ ލަވަތައް ކިޔާފައިވަނީ މިއުޒިކް ދާއިރާގެ ފަންނާނު އިބްރާހީމް ޒައިދު އަލީ (ކުޑަ އިއްބެ) އެވެ. އަލްބަމްގެ މަސައްކަތްތައް ކުރައްވާފައިވަނީ "ޓޮނިކް ލައިވް ސްޓޫޑިއޯ" އިންނެވެ.
ރޭގެ ރަސްމިއްޔާތުގައި ޢަބްދުއްރަޙީމް ޢަބްދުﷲގެ ޅެންވެރިކަމުގެ މައްޗަށް އަލިއަޅުވާލައި ޝާހިދު ޙަލީމް، ޢީސާ ޝަރީފް، އާދަމްބެ، އަޝްރަފް ޢަލީ ވާހަކަދެއްކިއެވެ. މީގެ އިތުރުން މިއުޒިކް އަލްބަމް "އަރާއިރު" ނެރެދެއްވުމަށްފަހު އެ އަލްބަމުގައި ހިމެނޭ ޅެންވެރިކަމާމެދު ހަމްދޫން ވާހަކަދެއްކެވިއެވެ.
ރޭގެ ހަފުލާގައި ލ. ފޮނަދޫގެ އިތުރުން އަތޮޅުގެ ބައެއް ރަށްރަށުގައި ތިބި ޢަބްދުއްރަޙީމް ޢަބްދުﷲއަށް ތާއިދުކުރާ ގިނަ ޢަދަދެއްގެ މީހުން ބައިވެރިވެފައިވެއެވެ.
އަލްބަމްގެ ލަވަތަކަކީ ވަރަށް ހިތްގައިމު ލަވަތަކެއް ކަމަށް ބައިވެރިން ފާހަގަކުރެއްވިއެވެ. އަދި މި ލަވަތައް އާންމުންނަށް ފަސޭހައިން ލިބޭނެގޮތް ހަދައިދިނުމުގެ ގޮތުން ސައުންޑްކްލައުޑަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޢަބްދުއްރަޙީމް ޢަބްދުﷲ ގެ މި ދެ މަސައްކަތަކީ އަދަބީ އަދި ސަގާފީ ރޮނގުން އެމަނިކުފާނުގެ ހުނަރުވެރިކަން ދައްކުވައިދޭ މުހިންމު ދެ މަސައްކަތް ކަމުގައި ބައިވެރިން ފާހަގަކުރެއްވިއެވެ.

