އެޓާނީ ޖެނެރަލްގެ އޮފީސް (އޭޖީ އޮފީސް) ހިންގާނެ ގޮތް ފުރަތަމަ ފަހަރަށް ގާނޫނެއްގައި ހިމެނުމަށް ސަރުކާރުން ހުށަހެޅި ބިލު ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައި، "ބަންޑާރަ ނައިބު އޮފީހުގެ ގާނޫނު" ގެ ނަމުގައި މި ގާނޫނު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފިއެވެ.
ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން އޭޖީ އޮފީހުން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރު ފެށުމުގެ ކުރިން، ގާނޫނަށް އިތުރު އިސްލާހުތަކެއް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ. މި ގާނޫނަށް އަމަލުކުރަން ފަށާނީ ތިން މަސްދުވަސް ފަހުންނެވެ.
އޭޖީ އޮފީހުން ހުށަހަޅަން ނިންމާފައިވާ އިސްލާހުތަކުގެ ތެރޭގައި، އޮފީސް އެކުލެވިގެންވާ ގޮތާއި، އޮފީހުގެ މަސްއޫލިއްޔަތުތައް އަދި މުވައްޒަފުންގެ އޮނިގަނޑު އެކުލަވާލުމުގައި ރައީސް އޮފީހުގެ ދައުރު ހިމެނެއެވެ. މީގެ އިތުރުން، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާއި ވަޒީފާއިން މުސްކުޅިކުރުމުގެ އުސޫލުތައް ކަނޑައެޅުމުގައި ނޭޝަނަލް ޕޭ ކޮމިޝަނުގެ އުސޫލުތަކާ އެއްގޮތަށް ހަމަޖެއްސުމަށް ވެސް ހުށަހަޅާފައިވެއެވެ.
އައު ގާނޫނުގެ ދަށުން އޭޖީ އޮފީހުގެ މުވައްޒަފުން ބެހިގެންދާނީ ދެ ސާވިސްއަކަށެވެ. އެއީ ލީގަލް ސާވިސް އަދި އެޑްމިނިސްޓްރޭޓިވް ސާވިސްއެވެ. ލީގަލް ސާވިސްގެ މުވައްޒަފުން އައްޔަންކޮށް ވަކިކުރުމުގެ ބާރު އޮންނާނީ ބަންޑާރަ ނައިބަށެވެ. އަދި އެޑްމިނިސްޓްރޭޓިވް ސާވިސްގެ މުވައްޒަފުން އައްޔަންކޮށް ވަކިކުރުމުގެ ކަންކަން ނިންމާނީ އޮފީހުގެ ސެކްރެޓަރީ ޖެނެރަލްގެ ލަފައާއެކު ބަންޑާރަ ނައިބެވެ.
މި ގާނޫނު ވުޖޫދަށް އައުމަކީ، އޭޖީ އޮފީހަށް ވަކީލުންނާއި އެހެން ފަންނީ މުވައްޒަފުން ހޯދުމަށް ދިމާވާ ދަތިތަކަށް ހައްލެއް ގެނެސްދޭނެ ކަމެއް ކަމަށް ބެލެވެއެވެ. މިހާތަނަށް އޭޖީ އޮފީސް ހިނގަމުން އައީ ސިވިލް ސަރވިސްގެ ދަށުންނެވެ.

