ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ބޭއްވެވި ޚާއްސަ ހަފްލާގައި ރާއްޖޭގެ 4 އަތޮޅެއްގައި ޤާއިމުކޮށްފައިވާ ޑަޔަލަސިސްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ފައްޓަވައިދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއެކު ކުރިއަށްގެންދަވާ މި މަޝްރޫޢުގެ ދަށުން އަލަށް ޚިދުމަތް ފަށާފައިވަނީ ނ.ވެލިދޫ ޞިއްޙީ މަރުކަޒު، މ.މުލީ ރީޖަނަލް ހޮސްޕިޓަލް، ތ.އަތޮޅު ހޮސްޕިޓަލް އަދި ގއ.އަތޮޅު ހޮސްޕިޓަލުގައެވެ. މިއީ ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާ ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ.
ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި މިހާރު ރާއްޖޭގެ 5 އަތޮޅެއް ފިޔަވައި އެހެން ހުރިހާ އަތޮޅެއްގައި ޑަޔަލަސިސްގެ ޚިދުމަތް ވަނީ ފަށާފައެވެ. އެގޮތުން މިދިޔަ ފެބުރުއަރީމަހު ހއ.އިހަވަންދޫ އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި މި ޚިދުމަތް ފެށުނު އިރު، 2024 ވަނަ އަހަރު ށ.އަތޮޅު ހޮސްޕިޓަލުގައިވެސް ވަނީ މި ޚިދުމަތް ފަށާފައެވެ.
މި ވަގުތު ޑަޔަލަސިސްގެ ޚިދުމަތް ނުފެށި އޮތީ އއ، އދ، ވ، ފ، އަދި ދ. އަތޮޅުގައެވެ. ނަމަވެސް މި އަހަރު ނިމުމުގެ ކުރިން މި އަތޮޅުތަކުގައިވެސް ޑަޔަލަސިސްގެ ޚިދުމަތް ފެށޭނެ ކަމަށް ޞިއްޙަތާ ބެހޭ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.
ސަރުކާރުގެ އަމާޒަކީ ޑަޔަލަސިސްގެ ޚިދުމަތަށް ބޭނުންވެފައިވާ ގިނަ ބަޔަކު ދިރިއުޅޭ ރަށްރަށުގައިވެސް މި ޚިދުމަތް ފޯރުކޮށްދިނުމާއެކު، ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް އަމިއްލަ ރަށުގައި ހުރެގެން ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.

