އެމްޑީޕީގެ ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުގެ ނުހިއްކާ އޮތް ސަރަހައްދުން ދޫކޮށްފައިވާ ގޯތިތައް ހިއްކި ސަރަހައްދުން ދޫކުރުމަށް ނިންމައި، މި މަހުގެ 15 ވަނަ ދުވަހު ގެނައި ބަދަލަށްފަހު އަނެއްކާވެސް އިތުރު ބަދަލެއް ގެނެސް މާދަމާ ގޯތި ދޫކުރުމުގެ ގުރުއަތުލުން ބޭއްވުމަށް ނިންމައިފިއެވެ.
މިކަމާ ގުޅޭގޮތުން ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވަނީ ގުޅިފަޅު ލޭންޑް ޔޫސް ޕްލޭނަށް މި ބަދަލު ގެނެސްފައިވަނީ ގުޅިފަޅުން ގޯތި ލިބުނު ފަރާތްތައް ތަމްސީލުކުރާ ޔުނިއަންއާ މަޝްވަރާކުރުމަށްފަހު ކަމަށެވެ.
ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ 2 އާއި ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ޖުމްލަ 9،001 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ ދޫކޮށްފައިވެއެވެ. އަދި އޭރު ހިއްކާފައި ހުރި ބިންތަކުން ބިން ކަނޑައި، އެ ބިންތައް ވަނީ ހަވާލުކޮށްފައެވެ.
އެހެންނަމަވެސް ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުގެ ބިން ހިއްކާ ނުނިމުނު ނަމަވެސް، ގަވާއިދަށް ބަދަލު ގެނެސްގެން ބިމުގެ ރަޖިސްޓްރީ ދޫކޮށްފައިވާކަން ފާހަގަކުރެވެއެވެ. އަދި މިހާރުގެ ސަރުކާރުން ވަނީ ގިރާވަރު ފަޅުން ގޯތި ލިބުނު 1،347 ފަރާތެއްގެ ގޯތި ގުޅިފަޅަށް ބަދަލުކޮށްދިނުމަށް ނިންމާފައެވެ.
މި ބަދަލާއެކު މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ގުރުއަތުލުމުގައި ގޯތިތައް ދޫކުރެވޭނީ ގުޅިފަޅުގެ ހިއްކާފައިވާ ސަރަހައްދުންނެވެ. މިއީ ގޯތި ލިބޭ ފަރާތްތަކަށް ލިބިގެންދާނެ އިތުރު ފަސޭހައެއް ކަމަށް ސަރުކާރުން ބެލެވެއެވެ.

