މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޛު ކުރުމަށް އައްޑޫ ސިޓީ ކައުންސިލްއާއެކު ފަހުމްނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި މިއަދު މެންދުރު ބޭއްވުނު ރަސްމިއްޔާތުގައި، އެމްސީއެސްގެ ފަރާތުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު އަދި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން މޭޔަރ ޢަލީ ނިޒާރު ވަނީ މި އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. މި ރަސްމިއްޔާތުގައި ދެ މުވައްސަސާގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ ދަށުން ކަނޑައެޅޭ އަދަބުތައް ތަންފީޒުކުރުމުގައި ޢަމަލުކުރާނެ ގޮތްތަކާ ގުޅޭގޮތުން އެކުލަވާލެވިފައިވާ މި އެއްބަސްވުމުގެ ދަށުން، އައްޑޫ ސިޓީ ކައުންސިލުން އެމްސީއެސްއަށް އެކިއެކި އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފައެވެ.
މި އެއްބަސްވުމުގެ މުހިންމު ބައިތަކުގެ ތެރޭގައި، ޤައިދީންނަށް ތަޢުލީމީ އަދި އެހެނިހެން ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމާއި، މުޖުތަމަޢުއަށް ޚިދުމަތްކުރުމުގެ ފުރުޞަތުތައް ފަހިކޮށްދިނުން ހިމެނެއެވެ. މީގެއިތުރުން، ޤައިދީން މުޖުތަމަޢަށް އަނބުރާ ގުޅުމަށް މަގުފަހިކޮށްދިނުމަށްޓަކައި އާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދިއުމަށް ވަނީ އެއްބަސްވެފައެވެ.
އެއްބަސްވުމުގައިވާ ކަންކަން ތަންފީޛުކުރުމުގައި އެން.ޖީ.އޯތަކާއި އެހެނިހެން ދާއިރާތަކުގެ އެހީތެރިކަން ހޯދުމަށްވެސް ދެ ފަރާތުން ވަނީ އެއްބަސްވެފައެވެ.

