މިދިޔަ ދޮޅު އަހަރު ތެރޭގައި ސިއްޙީ ދާއިރާގެ ކުރިއެރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވި، 4.3 ބިލިއަން ރުފިޔާގެ މަޝްރޫޢުތައް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަކުރުމަށް ނަސަންދުރަ ބާސެލޯގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު އެންމެ އިސްކަންދެއްވާ އެއް ދާއިރާއަކީ ސިއްޙީ ދާއިރާ ކުރިއަރުވައި ތަރައްޤީކުރުން ކަމަށެވެ. “ކޮންމެ ރަށެއްގައި ހުރި ނަމަވެސް އެކަށީގެންވާ ސިއްޙީ ފަރުވާ ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ވަރަށް ބޮޑު އަމާޒެއް” ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
މިދިޔަ 18 މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްޙީ ދާއިރާއިން އެކަނި 60 މަޝްރޫޢު ފެށިފައިވާއިރު، އޭގެ ތެރެއިން 18 މަޝްރޫޢަކީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުގައި ހުރި ހޮސްޕިޓަލްތަކުގެ ތަރައްޤީއަށް ފަށާފައިވާ މަޝްރޫޢުތަކެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ވީރާނާވަމުންދާ ސިއްޙީ މަރުކަޒުތަކާއި އެ މަރުކަޒުތަކުގައި ހުންނަ ލެބޯޓަރީ ފަދަ ތަންތަނުގެ ޚިދުމަތް ރަނގަޅުކޮށް ފުޅާކުރުމަށް ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތްތައް ކުރިއަށް ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މާލޭގެ ސަރަޙައްދުގައި ހުރި ހޮސްޕިޓަލްތަކުގެ އިތުރުން އަތޮޅު ހޮސްޕިޓަލްތަކުން ލިބޭ ފަރުވާގެ ފެންވަރު މަތިކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ އަމާޒަކީ ރާއްޖޭގައި ތިބެގެން އެންމެ މަތީ ފެންވަރުގެ ސިއްޙީ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމުގައިވެސް ފާހަގަކުރެއްވިއެވެ.

