ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލުގެ އެއް ބައި އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާކަމަށް “މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް” އެމްއޭސީއެލްއިން ބުނެފިއެވެ.
މިހާރު ބޭނުން ކުރަމުންދާ އިންޓަރނޭޝަނަލް ޓަރމިނަލަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޓާރމިނަލެކެވެ. ނަމަވެސް މިހާރު އަހަރަކު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު 2 މިލިޔަން ވަނީ ހުރަސްކޮށްފައެވެ. އެހެންކަމުން މިހާރު ޚިދުމަތްދެމުންދަނީ އޯވަރ ކެޕޭސިޓީގައެވެ.
މިހާރު ތަރައްޤީކުރަމުންދާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ފަސިންޖަރުންގެ ޓަރމިނަލުން އަހަރަކު 7 މިލިޔަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭނެއެވެ. މިއީ 78 ހާސް އަކަމީޓަރުގެ ބޮޑު ޓަރމިނަލެކެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ފަސިންޖަރ ޓާރމިނަލް ތަރައްޤީ ކުރަމުންދަނީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކުއެވެ.

