ހައްޖު މަހުގެ 9 ވަނަ ދުވަސް ކަމުގައިވާ އަރަފާތު ދުވަހަކީ އިސްލާމްދީނުގައި މާތްކަމުން ފުރިގެންވާ ދުވަހެއްކަމަށް ކަމަށް މިއަދު ހުކުރު ޚުތުބާފައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއުއަކީ “ޢަރަފާތު ދުވަހުގެ މާތްކަން” މިއެވެ.
އަރަފާތު ދުވަހަކީ އިސްލާމްދީނުގައި މާތްކަމުން ފުރިގެންވާ ދުވަހެއްކަމަށާއި އެދުވަހަކީ މާތްﷲ އެކަލާނގެ އަޅުން ނަރަކައިން މިންޖުކުރައްވާ ތައުބާ ވުމަށް ދެވޭ ރަނުގެ ފުރުސަތެއް ކަމަށް ހުކުރު ހުތުބާގައި ވަނީ ބުނެފައެވެ.
ޚުތުބާގައި ފާހަގަކޮށްފައިވާ ގޮތުގައި މިހާރު ވޭތުކުރަމުން މިދަނީ ޙައްޖުމަހުގެ ފުރަތަމަ ދިހައިގެ ބަރަކާތްތެރި ދުވަސްތަކެވެ. އަދި މި ދުވަސްތަކަކީ ހެޔޮކަމުން ފުރިގެންވާ، ތަޤްވާވެރިވުމާއި ކުށްފާފަތަކުން ތައުބާވުމުގެ ދުވަސްތަކެކެވެ. އަރަފާތު ދުވަހަކީ ދުއާ އިޖާބަކުރެއްވުމުގެ ދުވަހެއް ކަމަށާއި، އެ ދުވަހު ޒިކުރުކޮށް ދުއާކުރުން ގިނަކުރުމަކީ އެދެވިގެންވާ ކަމެއްކަމަށް ވެސް ހުތުބާގައި ބަޔާންކުރެއެވެ.
މި މަހުގެ ތެރޭގައި އަންނަ އަނެއް ދުވަހަކީ އަޟުހާ އީދު ދުވަސް ކަމުގައެވެ. އެ ދުވަހަކީ އެހެން މީހުންނަށް ހެޔޮކަން ފޯރުވައި އެހީތެރިވުމުގެ ދުވަސް ކަމަށާއި އުޟުހިޔާ ކަތިލުމުގެ ދުވަސް ކަމުގައެވެ. އެއީ ކީރިތި ރަސޫލާ ބާރުއަޅުއްވައި، އެކަލޭގެފާނު އަމަލީ ގޮތުން އެކަން ކުރައްވައި ނަމޫނާ ދައްކަވާފައިވާ ކަމެއް ކަމުގައެވެ. އުޟުހިޔާ ކަތިލުމަކީ ތަނަވަސްކަން ލިބިގެންވާ މީހުންނަށް ގަދަވެގެންވާ ސުންނަތެެއް ކަމަށާއި ގިނަގުނަ ދަރުމަ އާއި ސަވާބު ހުރި ކަމެއް ކަމުގައެވެ.
ޙައްޖުގެ އަޅުކަން އަދާކުރުމުގެ ނަޞީބު ނުލިބޭ މީހުންނަށް ވެސް ޢަރަފާތު ދުވަހުގެ ސަވާބު ލިބޭނެ މަގު ﷲ ތަޢާލާ ތަނަވަސްކޮށްދެއްވާފައިވެއެވެ. އެގޮތުން ޢަރަފާތު ދުވަހު ރޯދަ ހިފުމަކީ ފާއިތުވި އަހަރާއި ކުރިއަށް އޮތް އަހަރުގެ ކުދި ފާފަތައް ފުހެވިގެންދާނެ ކަމެއްކަން ރަސޫލާގެ ޙަދީޘުން ސާބިތުވާކަމަށް ހުކުރު ޚުތުބާގައި ބުނެފައިވެއެވެ.

