އަޟްހާ ޢިދުގެ މުނާސަބަތުގައި ބަންދުކުރާ ދުވަސްތަކުގެ އިތުރަށް އެހަފްތާގެ ރަސްމީ 3 ދުވަސް ބަންދުކުރުމަކީ ޒިންމާދާރު ގޮތެއް ނޫންކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ “ރައްޔިތުންނާއެކު” ޕޮޑްކާސްޓްގެ 7 ވަނަ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، އަޟްޙާ ޢީދާ ދިމާކޮށް އެހަފްތާގެ 3 ދުވަސް ބަންދުވާނެކަމަށް ބައެއް އާންމު ފަރާތްތަކުން އުއްމީދުކުރައްވާކަމަށެވެ. އަދި މީގެ ކުރިން ޢީދުފަދަ މުނާސަބާތަކާއި ގުޅިގެން ހަފްތާ ބަންދު ނުވަތަ ރަސްމީ ބަންދު ދުވަހެއް ކުރިއަށް އޮތްނަމަ އެކެއް ނުވަތަ ދެ ދުވަސް ބަންދުކުރާކަމަށް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ރަސްމީ ދުވަސްތަކުގެ ތިން ދުވަސް ބަންދު ދުވަސްތަކުގެ ގޮތުގައި ހަމަޖެއްސެވުމަކީ އެންމެ ރަނގަޅުގޮތެއްކަމަށް ޤަބޫލުނުކުރައްވާކަމަށް ވިދާޅުވިއެވެ.
1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ދިމާވަނީ އަންނަ ޖޫން މަހުގެ 6 ވާ ހުކުރު ދުވަހަށެވެ. ޢީދުގެ މުނާސަބަތާ ގުޅިގެން 3 ދުވަސް ބަންދުދުވަސްތަކުގެ ގޮތުގައި ސަރުކާރުން އޮންނަނީ ހަމަޖައްސަވާފައެވެ. ޢީދު ދުވަސް ހުކުރުދުވަހަށް ދިމާވުމުން ބަންދު ވަނީ ހޮނިހިރު ދުވަސް ހިމެނޭހެން ޖެހިގެން އަންނަ ހަފްތާގެ އާދިއްތަ އަދި ހޯމަ ދެދުވަހަށެވެ.

