ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު “އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަން ކޮމްޕެނީ ލިމިޓެޑް” ގެ ނަމުގައި އައު ކުންފުންޏެއް އުފައްދަވައިފިއެވެ. މި ކުންފުނި އުފެއްދެވީ ކުންފުނީގެ ޤާނޫނުގެ 15 ވަނަ މާއްދާގެ ދަށުން، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެއްވި ޤަރާރަކުންނެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދެއްވިގޮތުގައި، މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވޭ ކުންފުންޏެކެވެ. ކުންފުނީގެ މައިގަނޑު މަޤްޞަދަކީ ދިވެހި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ރާއްޖޭގެ އާބާދީ ބޮޑެތި ސަރަހައްދުތަކާއި، މަދުން އާބާދުވެފައިވާ ސަރަހައްދުތަކުގެ ޢުމްރާނީ ތަރައްޤީ ފުޅާކުރުމެވެ.
މި ކުންފުނިން ކުރިއަށް ގެންދާނީ ޒަމާނީ ޓެކްނޮލޮޖީއާއި އީޖާދީ ވަސީލަތްތައް ބޭނުންކޮށްގެން، ގައު އެޅުމާއި ކާސްޓިންގެ މަސައްކަތްތަކާއި އެއާ ގުޅުންހުރި އެންމެހައި ކަންކަމެވެ. ކުންފުންޏަށް ހުއްދަކޮށްފައިވާ ރައުސުލްމާލަކީ 100 މިލިއަން ރުފިޔާއެވެ. މިއީ 10 ރުފިޔާގެ 10 މިލިއަން ހިއްސާގެ މައްޗަށް ބަހާލެވިފައިވާ އަދަދެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައިވާ ގޮތުން، މި ކުންފުންޏަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާ ލިބިގަތުމުގެ ޙައްޤު ލިބިގެންވާ، ވަކި ސިއްކައެއް އޮންނަ، ޤާނޫނީގޮތުން އަމިއްލަ ޝަޚްސެކެވެ. މި ކުންފުނި އުފެއްދެވުމާއެކު، ރާއްޖޭގެ އުމްރާނީ ތަރައްޤީގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

