ރައްޔިތުންގެ އިހްސާސްތަކާ އެއްގޮތަށް ހިންގާ ހެޔޮލަފާ ވެރިކަމެއްގެ ހަގީގީ މަންޒަރުތައް ދިވެހި ރައްޔިތުންނަށް މިދަނީ ފެނި ކަށަވަރު ވަމުން ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ކަރަންޓް ޓެރިފް ރޭޓްތައް ކުޑަ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އަންގަވާފައިވާ އެންގެވުމާ ގުޅިގެން “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި އެމްޑީ ފަހުމީ ވިދާޅުވެފައިވަނީ މިއީ ކުރީގެ އެއްވެސް ސަރުކާރަކުން ކުރަން ކެރިވަޑައިގެންފައިނުވާ ކަމެއް ކަމަށެވެ.
“ރައްޔިތުންގެ އިހުސާސްތަކާއި އެއްގޮތަށް ހިންގާ ހެޔޮލަފާ ވެރިކަމެއްގެ ޙަޤީޤީ މަންޒަރުތައް ދިވެހި ރައްޔިތުންނަށް ފެނި މިދަނީ ކަށަވަރުވަމުން. ކުރީގެ އެއްވެސް ސަރުކާރަކުން ކުރަން ކެރިފައިނުވާ ކަމެއް ރައީސް މިހާރު ވަނީ ކުރައްވައި، އެކަން ރަސްމީކޮށް އިޢުލާންކުރައްވާފައި،” އެމްޑީ ފަހުމީ ވިދާޅުވިއެވެ.
ރައްޔިތުންގެ މާލީ ބުރަ ލުއިކުރުމަށްޓަކައި، ދިގު މުއްދަތެއް ވަންދެން ބޭނުންކުރަމުން އައި ކަރަންޓުގެ ޓެރިފްތަކަށް ބަދަލުގެނެސް، އަގު ދަށްކުރެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާއާއި ޝުކުރު ދަންނަވާ ކަމަށްވެސް އެމްޑީ ފަހުމީ ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ކަރަންޓް ބިލުތައް ބޮޑު ކަމުގެ ޝަކުވާ އަބަދާއި އަބަދު ރައްޔިތުން ކުރަމުން އައިސްފައިވާއިރު، ކަރަންޓުގެ ޚިދުމަތްދޭ ކުންފިނިތަކުން އަބަދުވެސް ބުނަމުން އައީ ބިލް ކުރަމުންދަނީ ބޭނުން ކުރާ ކަރަންޓަށް ކަމަށާއި، ކަރަންޓް ބިލު ބޮޑުވަނީ ކަރަންޓް ޓެރިފް ރޭޓް ބޭންޑްތަކުގައި ބޮޑުކޮށް ހުންނާތީ ކަމަށެވެ.

