މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންނާއި، އަރިހުގައި ވަޑައިގަންނަވާ ވަފުދުގެ ބޭފުޅުން، ސައުދީ އަރަބިއްޔާގައި ތިއްބަވާނީ ސައުދީ ސަރުކާރުގެ ހާއްސަ މެހްމާންދާރީގައެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ގިނަ އަދަދެއްގެ ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ. މީގެ ތެރޭގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ ދެކަނބަލުންނާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިއުގެ ދެކަނބަލުން ހިމެނިވަޑައިގަންނަވައެވެ.
އަދި މީގެ އިތުރުން އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ ދެކަނބަލުންނާއި ޗީފް އޮފް ޕްރޮޓޮކޯލް، މުޙައްމަދު ޝަހުދީވެސް މި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގަންނަވައެވެ.
ރައީސްގެ ދެކަނބަލުން މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމަށް ވަޑައިގަންނަވަނީ ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ދެއްވާފައިވާ 1,000 ކޯޓާގެ ތެރެއިން ނޫނެވެ. އެދެކަނބަލުން، ހައްޖުގެ އަޅުކަން އަދާކުރެއްވުން ކުރިއަށްދާނީ ސައުދީ ސަރުކާރުގެ ހާއްސަ މެހްމާންދާރީގެ ދަށުންނެވެ.

