ސަރުކާރުން ދުންފަތާ ދެކޮޅަށް އަޅުއްވާފައިވާ ފިޔަވަޅުތަކަކީ ދުޅަހެޔޮ މުސްތަޤުބަލަކަށްޓަކައި ކުރިއެރުމެއް ކަމަށް ދެކުމަށާއި، ފިއްތުންތަކެއް ކަމުގައި ނުދެކުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
ދުނިޔޭގެ ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ، ދިވެހިރާއްޖެއިން "ޕްރިވެންޓިވް ހެލްތުކެއަރ" އަށް ދެއްވާ އަހައްމިއްޔަތުކަން އާކުރައްވާ ކަމަށެވެ. އަދި 2024 ވަނަ އަހަރު ވޭޕްކުރުން މަނާކުރުމާއެކު، 1 ޖަނަވަރީ 2007 ގެ ފަހުން އުފަންވާ ހުރިހާ ދިވެހި ރައްޔިތުންނަށް ދުންފަތުގެ އެއްވެސް ބާވަތެއް ބޭނުންކުރުން މަނާވެގެންދާނެ ކަމަށް ފާހަގަ ކުރައްވާފައި ވެއެވެ.
ދުންފަތް ކޮންޓްރޯލްކުރުމުގެ ޤާނޫނަށް ގެނެވުނު އިޞްލާޙު ތަންފީޒުކުރަން ފެށުން 1 ނޮވެމްބަރ 2025 އަށް ލަސްކުރެއްވުމާއެކު، މިހާރުވެސް ދުންފަތުގެ އިސްތިޢުމާލު ކުރާ ޒުވާނުންނަށް އެކަމުން ދުރުވުމަށް ވަގުތު ދެއްވާފައިވާކަން ފާހަގަ ކުރެވެއެވެ.
ދިވެހި ރައްޔިތުންގެ ޞިއްޙަތު ރައްކާތެރިކޮށް، ދުންފަތާ ދުރު މުޖުތަމަޢެއް ބިނާކުރުމަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ޚާއްޞަ އެވޯޑެއް ދެއްވާފައެވެ. މި އެވޯޑް އިޢުލާންކުރެއްވީ ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަޑަނޮމް ގެބްރިއޭސަސް އެވެ.
ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނެވުނު އިޞްލާޙުތަކުގެ ތެރޭގައި، ދުންފަތުގެ އިސްތިޢުމާލު ނުކުރެވޭ ސަރަޙައްދުތައް އިތުރުކުރުމާއި، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕް އުފެއްދުމަށް ބޭނުންކުރާ މެޝިނަރީތައް ރާއްޖެ އެތެރެކުރުން މަނާކުރުން ހިމެނެއެވެ. މީގެއިތުރުން ދުންފަތުގެ ބާވަތްތައް ގަނެވިއްކުމުގެ ޤާނޫނީ އުމުރު 21 އަހަރަށް އިތުރުކުރުމާއި، އިޝްތިހާރުކުރުމާއި ސްޕޮންސަރ ކުރުން މަނާކުރުންވެސް ހިމެނެއެވެ.

