ރާއްޖޭން ހައްޖުގެ މަތިވެރި އަޅުކަމަށް ދިޔަ ހުރިހާ ހައްޖުވެރިންގެ ހާލު ރަނގަޅު ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޝަކީލް ވިދާޅުވި ގޮތުގައި، 1446 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ސައުދީ އަރަބިއްޔާއަށް ޒިޔާރަތްކުރި ހުރިހާ ހައްޖުވެރިން މިހާރު ތިބީ މައްކާގައި ދިވެހި ހައްޖުވެރިންނަށް ޚާއްޞަކޮށްފައިވާ ހޮޓަލުގައެވެ.
ރާއްޖޭން ހައްޖަށް ދާ މީހުންގެ އެންމެ ފަހު ގްރޫޕް ފުރާފައިވަނީ ރޭގެ ވަގުތެއްގައި ސައުދީ އެއަރލައިންސްގެ މަތިންދާ ބޯޓެއްގައެވެ. މި ފްލައިޓްގައި 250 ހާޖީން ވަނީ ގޮސްފައެވެ. މިއާއެކު ރާއްޖޭން ހައްޖަށް ފޮނުވުމަށް ނިންމާފައިވާ 1000 ހާޖީން މިވަގުތު ވަނީ ސައުދީ އަރަބިއްޔާއަށް ދަތުރުކޮށްފައެވެ.
ރާއްޖޭން މި އަހަރު ހައްޖަށް ދާ މީހުން ފުރަން ފެށީ މި މަހުގެ 26 ވަނަ ދުވަހުއެވެ. އެގޮތުން ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ސައުދީ އަރަބިއްޔާއަށް ފުރާފައިވަނީ އެ ދުވަހުގެ ހަވީރުއެވެ. ދެވަނަ ގްރޫޕް މޯލްޑިވިއަންގެ މަތިންދާ ބޯޓެއްގައި 27 ވަނަ ދުވަހުގެ ހެނދުނު ފުރިއިރު، 28 ވަނަ ދުވަހު މޯލްޑިވިއަންގެ ފްލައިޓްގައި ތިންވަނަ ގްރޫޕް ވަނީ ސައުދީއަށް ގޮސްފައެވެ.
ޝަކީލް ވިދާޅުވި ގޮތުގައި މިވަގުތު ހުރިހާ ހައްޖުވެރިންގެ ހާލުވެސް ވަރަށް ރަނގަޅެވެ.

