މާލޭގައި ބިދޭސީން ދިރިއުޅޭ ދެ ތަނެއް ބަލައި ފާސްކުރުމަށްފަހު، ގަވާއިދާ ޚިލާފަށް އުޅޭ 25 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
އިމިގްރޭޝަނުން މައުލޫމާތު ދެއްވިގޮތުގައި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ޓާސްކް ފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން، 2025 މޭ 29 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނުގައި ދެ ތަނެއް ބަލައި ފާސްކޮށް، ޖުމްލަ 102 ބިދޭސީން ވަނީ ޗެކްކޮށްފައެވެ.
މި އޮޕަރޭޝަނުގައި ހެންވޭރުގައި ހުންނަ ގެއަކުން 7 ބިދޭސީންނާއި، މާފަންނު ހަވީރީ ގޯޅީގައި ހުންނަ ބިދޭސީން ދިރިއުޅެމުންދިޔަ ތަނަކުން 18 ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ. އިމިގްރޭޝަނުން ފާހަގަކުރިގޮތުގައި މި 25 ބިދޭސީންނަކީ ސައްހަ ލިޔެކިޔުން ނެތި ރާއްޖޭގައި އުޅެމުންދިޔަ ބައެކެވެ.
އިމިގްރޭޝަނުން މި އަހަރުގެ ތެރޭގައި ހިންގި ރެއިޑް އޮޕަރޭޝަންތަކުގައި މިހާތަނަށް 100 އަށްވުރެ ގިނަ ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ. އަދި މި މައްސަލަތަކާ ގުޅިގެން ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކުރެވޭ ފަރާތްތައް އެ މީހުންގެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ވެސް ކުރިއަށްދާކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ.
މީގެއިތުރުން، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން މޮނިޓަރކުރުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މާލޭގެ އާންމު ތަންތަނުގައި އޮފިސަރުން އޮބްޒާވޭޝަން މަސައްކަތްތައް ވެސް މިހާރު ދަނީ ކުރިއަށެވެ.

