މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން 164 އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުން ހޯދުމަށް ކުރި އިޢުލާނުގެ މުއްދަތު މިއަދު މެންދުރުފަހު 2:00 ގައި ހަމަވާނެ ކަމަށް އެ އިދާރާއިން މަޢުލޫމާތު ދީފިއެވެ.
މި މަހުގެ 19 ވަނަ ދުވަހު ކުރި އިޢުލާނުގައިވާ ގޮތުން، މި މަޤާމުތަކަށް ހޮވޭ ފަރާތްތައް މަސައްކަތް ކުރަންޖެހޭނީ މާލެ ސަރަޙައްދުގައި ޤާއިމުކޮށްފައިވާ ކަސްޓަމްސްގެ އޮފީސްތަކުގައެވެ. އަދި މި މަޤާމަށް ކުރިމަތިލެވޭނީ 18 އަހަރާއި 30 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ.
މަޤާމުގެ އަސާސީ ޝަރުތުތަކުގެ ތެރޭގައި، ޖީ.ސީ.އީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި މަދުވެގެން ދެ މާއްދާއިން "ޑީ" ފާހާއި، އެސް.އެސް.ސީ އިމްތިޙާނުގެ ދިވެހި މާއްދާއިން މަދުވެގެން "ސީ" ފާސް ހާސިލުކޮށްފައިވުން ހިމެނެއެވެ. މީގެއިތުރުން، ކަސްޓަމްސްއިން ކަނޑައަޅާ ބޭސިކް ފިޒިކަލް ފިޓްނެސް ޓެސްޓުން ފާސްވާންޖެހޭނެއެވެ.
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ވަނަވަރު، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ސްކޫލް ލީވިންގ ސެޓްފިކެޓްގެ ކޮޕީ ހިމެނެއެވެ. އަދި މިހާރު ވަޒީފާއެއްގައި އުޅޭ ފަރާތެއްނަމަ، އެ ވަޒީފާ އަދާކުރާ އޮފީހުގެ އިޢުތިރާޟެއް ނެތްކަމުގެ ލިޔުން ހުށަހަޅަންޖެހޭނެއެވެ.
ކަސްޓަމްސްއިން ފާހަގަކުރި ގޮތުގައި، މި މަޤާމަށް ހޮވޭ ފަރާތްތަކުން ކަސްޓަމްސް ސްޓަޑީޒް ކޯސް ފުރިހަމަކުރުމަކީ ލާޒިމު ކަމެކެވެ. އަދި އުމުރުފުރާ ބަލާނީ މި އަހަރުގެ މެއި 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

