ގެދޮރު ނެތް 18 އަހަރުން މަތީގެ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މަޝްރޫޢެއް މިއަހަރު ތެރޭގައި ހުޅުވާލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިކަން ރައީސް ހާމަކުރެއްވީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.
މި މަޝްރޫޢުގެ ދަށުން މާލޭގެ ރައްޔިތުންނާއި ރަށްވެހިންނަށް “ފަސްޓް ހޯމް” ނުވަތަ އަމިއްލަ ގެދޮރަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ތެރޭގައި ގޯތި އަދި ފްލެޓް ހިމެނޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
“މުޅި މާލެ ސަރަހައްދުން ރަސްމާލެ ހިމެނޭ ގޮތަށް ގޯތި ނޫނީ ފްލެޓް ކަށަވަރު ކޮށްދިނުމަށްޓަކައި ހުޅުވާލާނެ، ހުޅުވާލައި އެފަރާތްތައް ކުރިމަތިލައި އެ ފަރާތްތަކަށް ކަށަވަރުކުރުމުގެ ލިޔުން ދޭނަން މި އަހަރު ނިމުމުގެ ކުރިން އެއީ ޓާގެޓަކީ،” ރައީސް ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން ގޯތި ނުވަތަ ފްލެޓް ލިބޭ ފަރާތްތަކަށް ގުޅިފަޅު، ގިރާވަރުފަޅު، އުތުރުތިލަފަޅު އަދި ރަސްމާލެއިން ބިން ލިބިދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި އަތޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވެސް މިފަދަ އުސޫލަކުން ގެދޮރުވެރިކަން ހަމަޖައްސައިދެވޭނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރީގެ ސަރުކާރުތަކުން ދޫކޮށްފައިވާ ގޯތިތައް މި ސަރުކާރުން އަތުނުލާނެ ކަމަށް ރައީސް ވަނީ ޔަގީންކަން ދެއްވާފައެވެ. އަދި މިހާރުވެސް 57 ރަށެއްގައި ހައުސިންގ މަޝްރޫޢުތައް ކުރިއަށްދާ ކަމަށް ވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ.

