ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި އައިނުގެ ވިޔަފާރި ފަށަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިއީ ގިނަ ރައްޔިތުންގެ އެދުމުގެ މަތިން ނިންމި ނިންމުމެއް ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ރައީސް މުއިއްޒު ހާމަކުރެއްވި ގޮތުގައި، ނަންބަރު އައިނު ހެއްދުމަށް އާސަންދައިން ކޮންމެ ދެ އަހަރަކުން އެއްފަހަރު ދެމުން އައި 1,000 ރުފިޔާގެ އެލަވަންސް 2,000 ރުފިޔާއަށް މާދަމާއިން ފެށިގެން ބޮޑުކުރެވޭނެއެވެ. "މީގެ އެޑްވާންޓޭޖް ނެގުމުގެ ފުރުސަތެއް ނުދޭނަން ޕްރައިވެޓް ސެކްޓަރއަކަށް، އައިޖީއެމްއެޗްގައި އަޅުގަނޑުމެން ފަށާނަން އައިނު ބިޒްނަސް" ރައީސް ވިދާޅުވިއެވެ.
ސިއްހީ ދާއިރާގެ ތަރައްޤީއަށް އިސްކަން
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ސިއްހީ ދާއިރާ ތަރައްޤީ ކުރުމަކީ އެމަނިކުފާނުގެ ސަރުކާރުގެ އެންމެ މުހިންމު ދެވަނަ ސިޔާސަތެވެ. މިގޮތުން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަތަރު ބިލިއަން ރުފިޔާގެ ސިއްހީ މަޝްރޫޢުތައް ކުރިއަށްދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
އަދި ރައްޔިތުންގެ ސިއްހަތަށް އިސްކަންދެއްވާ ކަމުގެ ހެއްކެއްގެ ގޮތުން، ރާއްޖެއިން ސިނގިރޭޓުގެ ވިޔަފާރި ހުއްޓާލަން ނިންމާފައިވާ ކަމަށްވެސް ރައީސް ހާމަކުރެއްވިއެވެ. "އަޅުގަނޑަށް މުހިންމީ ރައްޔިތުންގެ ސިއްހަތު" ރައީސް ވިދާޅުވިއެވެ.
ސިއްހީ ދާއިރާއާއެކު، ބޯހިޔާވަހިކަމާއި ތަޢުލީމީ ދާއިރާއަށްވެސް އިސްކަންދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. "ސިއްހީ ދާއިރާ ރަނގަޅު ކުރުމަކީ ހުރިހާ ކަމަކާ ގުޅިލާމެހިފައި އޮތް ކޮމަން ކަމެއް" ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

