މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު މިއަދު ހެނދުނު ސައުދީ އަރަބިއްޔާއަށް ވަޑައިގެންފިއެވެ.
ރައީސް އޮފީހުން މައުލޫމާތު ދެއްވިގޮތުގައި، ރައީސްގެ ދެކަނބަލުން ވަޑައިގެންނެވީ ސައުދީގެ ފްރިންސް މުހައްމަދު ބިން އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެއާޕޯޓުގައި އެ ދެކަނބަލުންނަށް މަރުހަބާ ދެންނެވީ މަދީނާގެ ޑެޕިއުޓީ ޖަވަރުނަރު އަބްދުލް މޮހްސިން ހަމީދެވެ. އަދި އެ ދެކަނބަލުންނަށް ރަތް ދޫލައިގެ މަރުހަބާއެއްވެސް ދެންނެވިއެވެ.
މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންނާއެކު ވަޑައިގަންނަވާ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލްގެ ދެކަނބަލުންނާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިއުގެ ދެކަނބަލުންނެވެ. މީގެއިތުރުން އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުހައްމަދު ލަތީފްގެ ދެކަނބަލުންނާއި ޗީފް އޮފް ޕްރޮޓޮކޯލް، މުޙައްމަދު ޝަހުދީވެސް ހިމެނިވަޑައިގަންނަވައެވެ.
ރައީސް އޮފީހުން ފާހަގަކުރެއްވިގޮތުގައި، މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންނާއި، އަރިހުގައި ވަޑައިގަންނަވާ ވަފުދުގެ ބޭފުޅުން، ސައުދީ އަރަބިއްޔާގައި ތިއްބަވާނީ ސައުދީ ސަރުކާރުގެ ހާއްސަ މެހްމާންދާރީގައެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ރައީސް އާއި މެޑަމް ސާޖިދާ މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމަށް ވަޑައިގަންނަވަނީ ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ދެއްވާފައިވާ 1,000 ކޯޓާގެ ތެރެއިން ނޫންކަމެވެ. އެ ދެކަނބަލުން ހައްޖަށް ވަޑައިގަންނަވަނީ ސައުދީ ސަރުކާރުގެ މެހްމާންދާރީގެ ދަށުންނެވެ.

