އެންސްޕާގެ ސީއީއޯ އަދި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދުގެ ބައްޕަ ހަސަން ވަލީދު (ހަސަންބެ) ނިޔާވެއްޖެއެވެ، ހަސަންވަލީދުބެ ނިޔާވީ މިއަދު މެންދުރުގެ ވަގުތެއްގައި އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
އައްޑޫ ސިޓީގެ ހިތަދޫއަށް އުފަން ހަސަން ވަލީދުބެއަކީ ކެންސަރު ބަލީގައި ގިނަ ދުވަސްތަކެއް ތަހައްމަލު ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. ނިޔާވިއިރު އުމުރުފުޅުން 70 އަހަރަށް ވުރެ މަތިވެއެވެ.
ހަސަން ވަލީދުބެއަކީ ގުރުއާނާއި ދީނީ ޢިލްމަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވި ބޭފުޅެކެވެ. އައްޑޫ ސިޓީ ހިތަދޫގެ ފަޒާ މިސްކިތުގެ އިމާމުކަމުގެ މަޤާމު ދިގު މުއްދަތަކަށް ފުރުއްވައި، ނޫރާނީ ސްކޫލުގައި ދަރިވަރުންނަށް ކީރިތި ޤުރުއާން އުނގަންނައިދެއްވުމުގެ ޚިދުމަތްތަކެއް ކުރެއްވިއެވެ. ޚުދު އަޅުގަނޑަކީވެސް ހަސަންވަލީދުބޭބެގެ ދަރިވަރަކީމެވެ، ނަމާދު ކުރުމާއި ކީރިތި ޤުރުއާން އުނގަންނައި ދެއްވުމާއި ދީނީ ނަސޭހަތް ދެއްވުމުގައި ހަސަންވަލީދުބޭބެ އަކީ ވަރަށްވެސް ޤާބިލު އުސްތާޛެކެވެ. އަޅުގަނޑުގެ ހަނދާނުގައި އަބަދަށްވެސް ހަސަންވަލީދުބޭބެ ދެއްވި ނަސޭޙަތްތައް ހަރުލާފައި ހުންނާނެއެވެ.
ދާދި ފަހަކާ ޖެހެންދެން ވެސް ހަސަންބެ ވަނީ ގިނަ ބަޔަކަށް ހިލޭ ސާބަހަށް ކީރިތި ޤުރުއާން އުނގަންނައިދެއްވައި، ޤުރުއާން ހިތުދަސްކުރުމުގައި އެހީތެރިވެވަޑައިގެންފައެވެ.
ހަސަންބެ އަވަހާރަވުމާ ގުޅިގެން އިޖުތިމާޢީ ވިއުގަތަކުގައި ގިނަ ބަޔަކު ކުރި ޕޯސްޓުތަކުގައި ފާހަގަކޮށްފައިވަނީ އެއީ “މިސްކިތުގެ އަހުލުވެރިއެއް” ކަމަށެވެ. އަދި އެހެން މީހުންނަށް ހިތްހެޔޮކަމާއެކު އެހީތެރިކަން ފޯރުކޮށްދެއްވި، ދީލަތި ބޭފުޅެއްގެ ގޮތުގައި ވެސް ސިފަކުރައްވާފައިވެއެވެ.

