ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ އެންމެ ފަހު ދުވަސް ކަމަށްވާއިރު، މިއަދު، ޢާއިލީ ދުވަހެއްގެ ގޮތުގައި ފާހަގަކުރުމަށް ޚާއްޞަ ޙަރަކާތްތަކެއް ކުރިއަށްގެންދާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފިއެވެ.
މި މަހުގެ 23 ވަނަ ދުވަހު ފެށުނު މި މައުރަޒުގެ އެހެން ދުވަސްތަކާ ޚިލާފަށް، މިއަދު ހެނދުނު 7:00 އިން 11:00 އަށް ކުޑަކުދިންނަށް ޚާއްޞަ ކުޅިވަރު ޙަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވެއެވެ. އަދި ހަވީރު 4:00 އިން 6:00 އަށާއި ރޭގަނޑު 8:00 އިން 11:00 އަށް މައުރަޒުގެ އެހެނިހެން ޙަރަކާތްތައް ކުރިއަށްދާނެ ކަމަށް ވުޒާރާއިން މަޢުލޫމާތު ދެއްވިއެވެ.
މިއަދުގެ ޚާއްޞަ ޙަރަކާތްތަކުގެ ތެރޭގައި އެންސީއޭ ބޭންޑް، ފަންނުވަރު، ރޮބޯމޭން، ހޭވައްލާ ބޮޑުބެރު، ފެޝަން ޝޯވް އަދި ކޮކޯ މާފިއާގެ ޕަރފޯމަންސްތައް ހިމެނެއެވެ. މީގެ އިތުރުން ކާނިވަލް ގޭމްސް، 360 ވީޑިއޯ ބޫތް، ބާސްކެޓްބޯލް ޝޫޓިންގ އަދި ލެގޯ ބިލްޑިންގ ފަދަ ކުޅިވަރު ޙަރަކާތްތައްވެސް ކުރިއަށްގެންދެވޭނެއެވެ.
“މިއީ މިހާތަނަށް ބޭއްވި އެންމެ ފުރިހަމަ އަދި އެންމެ ކާމިޔާބު މައުރަޒޭ ބުނެވޭނީ،” މައުރަޒުގެ ބައިވެރިއަކު ހުވަދޫމީޑިއާ އަށް މައުރަޒާ ބެހޭގޮތުން ކިޔައިދެމުން ބުނީ މިފަހަރުގެ މައުރަޒަކީ ވަރަށްވެސް ރޭވިގެން ދުރާލާ ކަންތައްތައްހަމަޖައްސައިގެން ގެންދިޔަ އިވެންޓެއްކަމުގަައެވެ.
“ކުރީ އަހަރުތަކުގެ މައުރަޒު ގޯހެކޭ ނޫންމިބުނަނީ، އެކަމަކު މިފަހަރުގެ މައުރަޒުގައި މިވެނި ކަމެއް ގޯހޭ އެވެނިކަމެއް މިއަށްވުރެ ފުރިހަމަ ކުރެވުނީހޭ ބުނާވަރުގެ އެއްވެސް ކަމެއް ނުފެނޭ، އެހެންވީމަ ބުނެވޭނީހަމަ ޕާފެކްޓޭ،” މިވެސް ބައިވެރިއެއްގެ ވާހަކައެވެ.
މިހާތަނަށް ބޭއްވުނު އެންމެ ފުރިހަމަ އަދި އެންމެ ކާމިޔާބު އެކްސްޕޯ ކަމަށް ފާހަގަކުރެވޭ މި މައުރަޒަކީ، ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ ފަންނުވެރިންގެ ހުނަރުވެރި އުފެއްދުންތައް އެއްތަނަކުން ދައްކުވައިދޭ މައުރަޒެކެވެ. މި މައުރަޒުގައި ދިވެހީންގެ ޒަމާނީ މަސައްކަތްތެރިކަމާއި، ޒަމާންވީ ފަންނުވެރިކަން ހިމެނިފައިވެއެވެ.
ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި ސަރުކާރުން ބާއްވާ މި މައުރަޒުގެ އެންމެހައި ކަންކަން ކުރިއަށްގެންދަނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާގެ އިރުޝާދުގެ ދަށުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިންނެވެ.

