ދިވެހި ޙައްޖުވެރިންނަށް މުޅިން އަލަށް ތަޢާރަފުކުރެވުނު މައްކާ ރޫޓު އިނީޝިއޭޓިވްގެ ޚިދުމަތް ދެއްވުމަށް ރާއްޖެއަށް ވަޑައިގެންނެވި ސަޢުދީ ޢަރަބިއްޔާގެ އޮފިޝަލުންގެ އަގުވަޒަންކުރުމުގެ ރަސްމިއްޔާތެއް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގައި ބާއްވައިފިއެވެ.
މި ރަސްމިއްޔާތުގައި ސަޢުދީ އޮފިޝަލުންނަށް ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. ވަޒީރު އެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި، ސަޢުދީ އޮފިޝަލުން ދިވެހި ޙައްޖުވެރިންނަށް ދެއްވި އަގުނުކުރެވޭފަދަ ޚިދުމަތަށް ޝުކުރު އަދާކުރެއްވިއެވެ.
މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން އެހެން ޤައުމުތަކަށް ހަމަޖެހިފައިވާ އުސޫލުތަކުން ރާއްޖެ އިސްތިސްނާކޮށްދެއްވި ކަމަށްޓަކައި ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއަށާއި ޕްރިންސް މުޙައްމަދު ބިން ސަލްމާންއަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.
މި އަހަރު ރާއްޖެއިން ދަތުރުކުރި 4 ފްލައިޓުގެ ޙައްޖުވެރިންވެސް ދަތުރުކޮށްފައިވަނީ މި އިނީޝިއޭޓިވްގެ ދަށުންނެވެ. މި އިނީޝިއޭޓިވްގެ ދަށުން ޙައްޖުވެރިން ރާއްޖެއިން ފުރުމުގެ ކުރިން ސަޢުދީ އިމިގްރޭޝަންގެ އެންމެހައި ކަންކަން ފުރިހަމަކުރެވޭއިރު، ޖިއްދާ އެއާޕޯޓުގައި މަޑުކުރަންޖެހެނީ ވަރަށް ކުޑަ ވަގުތުކޮޅެކެވެ.
މީގެ އިތުރުން މިއަހަރު ދިވެހި ޙައްޖުވެރިންނަށް އިތުރު ލުއިފަސޭހަތަކެއް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިނާގެ ފެންވަރު ރަނގަޅުކޮށް ކެޓަގަރީ ބީއަށް ބަދަލުކުރެވި، ކޮންމެ ޙައްޖުވެރިއަކަށް ވަކި ސޯފާ އެނދެއް ލިބޭގޮތަށް ހަމަޖެހިފައިވެއެވެ. އަދި މައްކާގައި ދިވެހި ޙައްޖުވެރިންނަށް ޚާއްޞަ ކްލިނިކެއްވެސް ވަނީ ޤާއިމުކުރެވިފައެވެ.
މި އަހަރަކީ ދިވެހި ޙައްޖުވެރިންނަށް އެންމެ ލުއި އިންތިޒާމު ރަނގަޅު ޙައްޖު މޫސުމަށްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

